ކޮޅުމަޑުލު ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް އެއަރޕޯޓް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއިއެވެ. މި މަސައްކަތް މި ރިޔާސީ ދައުރުގެ ތެރޭގައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ވިލުފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުއްޓަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. މި އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބޭހޭ ވަޒީރު މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުއެވެ.
މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު، އެއަރޕޯޓު މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދާއި، ދާއިރާގެ މަޖިލިސް މެންބަރާއި ވިލުފުށީ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިލިފުއްޓަށް އެމަނިކުފާނުވީ އެންމެ މުހިންމު ވަޢުދަކީ މި އެއަރޕޯޓްގެ މަޝްރޫޢު ކަމަށެވެ. "ވިލިފުއްޓަށް އަޅުގަނޑުވީ އެންމެ މިހިއްމު ވަޢުދަކީ އެއަޕޯޓްގެ މަޝްރޫޢު. އެ މަޝްރޫޢު ގިނަވަގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާނަން. އެއާޕޯޓް ރައްޔިތުން ބޭނުންވާ ސަރަހައްދުގައި އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި އެއަރޕޯޓު ހިންގާނީވެސް އެމްއޭސީއެލްގެ ފަރާތުންނެވެ. ވިލުފުށީގައި ތަރައްޤީކުރާ މި އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު، މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓާމިނަލް ބިލްޑިންގާއި ފަޔަރ ބިލްޑިންގުގެ އިތުރުން އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރެވޭނެއެވެ.
މި މަޝްރޫޢު ނިމޭއިރު، މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
