ކޮވިޑް ޖެހިގެން ރާއްޖެ އިން 36 އަހަރުގެ ބިދޭސީއަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ރޭ ދަންވަރު ދޭއް ޖެހިއިރުއެވެ.

މީގެ ފަހުންވެސް ކޮވިޑް ބަލީޖެހިގެން ދެ މީހަކު ވަނީ ނިޔާވެފައެވެ. މިއާއި އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 115 އަށް ވަނީ އަރާފައެވެ.

މި ފަހުން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ކޮވިޑް-19 އިން ދިފާއުވުމަށް އެއްވެސް ވެކްސިނެއް ޖަހާފައިނުވާ މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި، ރާއްޖޭގެ 61 ރަށަކަށް އަރާ ފޭބުން މިވަގުތު އޮތީ މަނާކޮށްފައެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ނުރައްކާ ފައްތަރެއްގައި އަދިވެސް އޮތީ މާލޭގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 48،608 އަށް އަރާފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 29،644 އެވެ. ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 18،852 އަށް އަރާފައިވާ އިރު، އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 274 އަށް ވަނީ އަރައިފައެވެ.