ތ. ވިލުފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓް މަސައްކަތް އެންމެ ގިނަވެގެން ދެ އަހަރާ ބައިގެ ތެރޭގައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއާ ގުޅޭ ގިނަ ކަންތައްތަކެއް އިއުލާންކުރައްވަމުންނެވެ.

ވިލުފުށީގައި މިހާރު ހިންގަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުން އެދުނު ގޮތަށް އެރަށުގެ ބިން ހިއްކައި، އެއަރޕޯޓް ތަރައްޤީކުރުމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ފަށާފައިވާކަމަށެވެ. މި އެއަރޕޯޓްގެ ރަންވޭއަކީ 1800 މީޓަރު ދިގު ރަންވޭއެއްކަމަށާއި، ބިން ހިއްކުމާއި އެއަރޕޯޓްގެ އެންމެހައި އިމާރާތްތަކާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"މަސައްކަތް ފެށި ދެ އަހަރާ ބައިގެ ތެރޭގައި މުޅި މަސައްކަތް ނިންމާނަން. އެއަށްވުރެ ލަހެއް ނުވާނެ." ރައީސް ވިދާޅުވިއެވެ. އެއަށްފަހު އިތުރަށް ވިދާޅުވީ މި އެއަރޕޯޓް ހިންގުން ހަވާލުކޮށްފައިވަނީ އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާ ކަމަށާއި، ކުންފުނިން ވަރަށް ފަރުވާތެރިކޮށް ތަރުތީބުން މަސައްކަތް ގެންދާނެކަމަށެވެ.

ރައީސްވަނީ ވިލުފުށީގެ ތަރައްޤީއާ ގުޅޭ އިތުރު ގިނަ ކަންތައްތަކެއްވެސް އިއުލާންކުރައްވާފައެވެ. އެގޮތުން، ވިލުފުށީ ހޮސްޕިޓަލް ތަރައްޤީކޮށް، އިތުރު ސްޕެޝަލިޓީތަކާ، އިމާރާތާ ވަސީލަތްތައް ޤާއިމުކޮށްދެއްވައި، ޒަމާނީ ފުރިހަމަ ހޮސްޕިޓަލަކަށް އެތަން ވެގެންދާނެކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢު މަދުވެގެން 18 މަސް ތެރޭ ނިންމާ ހޮސްޕިޓަލް ހަވާލުކުރާނެކަމަށާއި، މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއްގެ ގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަދި އަންހެނުންގެ ޚާއްސަ ދާއިމީ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ވިލުފުށީގެ ވަށަމަގު ނުވަތަ ރިންގު ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށާއި، އެއީ ރަށުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ގޮތުން، ވިލުފުށީގައި މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށާއި، އަމިއްލަ ގޯތީގައި ގެއެޅުމަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމަށާއި، މިހާރު ހަވާލުކޮށްފައިހުރި 100 ޔުނިޓްގެ ޔުޓިލިޓީގެ މައްސަލަތައް ޙައްލުކޮށް މި އަހަރު ހަވާލުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ސުނާމީއާ ގުޅިގެން ހަދާފައިވާ 40 މީހުންގެ ލިސްޓެއްގައި އެމީހުންނަށް މަޝްރޫޢުއަކުން ކޮޓަރި ދޭންޖެހޭކަމަށް އޮތުމުން، އެކަންވެސް ބަލާ ޙައްލުކުރުމަށް ގޮތެއް ހޯއްދަވަމުންދާކަމަށާއި، ސަރުކާރުގެ ސިޔާސަތުގެ ދަށުން އެކަން ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މީހުންނަށް ސަރުކާރުގެ މަޝްރޫޢުއަކުން ގޮތެއް ހޯދައިދީ ނުވަތަ ސަރުކާރުން ބަދަލެއް ދޭނެ ގޮތަކާމެދު މަޝްވަރާކުރަމުންދާކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި ކަންކަމުގެ އިތުރުން ރައީސް ވަނީ ވިލުފުށީގައި ހުރި މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށް ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށްވެސް ނިންމަވާފަވާކަން ހާމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވިލުފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ. އަދި ވިލުފުށީ މަގުހެދުމުގެ މަޝްރޫޢުވަނީ އާރް.ޑީ.ސީ އާ ހަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި ވިލުފުށީ ރައްޔިތުންގެ ފަރާތުންވަނީ ރައީސަށް ހަނދާނީ ރަމްޒެއްވެސް ވެދުމަށް އަރުވާފައެވެ.