ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ތ. ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ވިލުފުށީގައި ޕާސްޕޯޓު ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މިއީ ރައްޔިތުންނަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅެކެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

މި ޚިދުމަތް މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށަމުން އަންނައިރު، މާލޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓު ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ވިލުފުށީގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު 15 އަތޮޅަށް ވުރެ ގިނަ އަތޮޅަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓު ޚިދުމަތް ފޯރުކޮށްދިނުމަކީ މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒެކެވެ. ނަމަވެސް، މި އަމާޒަށް ވުރެ އަވަހަށް، މިއަންނަ އޮކްޓޯބަރ ނިޔަލަށް މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު، މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.