ފަތުރުވެރިކަމުގެ ދުނިޔޭގައި އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ސްޕާ އެވޯޑްސް 2025 ގައި، "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން" ގެ ފަޚުރުވެރި ޝަރަފު ދިވެހިރާއްޖެއިން ހޯދައިފިއެވެ. މިއީ މި އެވޯޑު ރާއްޖެއަށް ލިބުނު 10 ވަނަ ފަހަރު ކަމަށް ވާއިރު، މިކަމުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ވެލްނަސް އަދި ސްޕާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ފައިތިލަސާބިތުކޮށްފައިވާކަން ދައްކުވައިދެއެވެ.

މި ކާމިޔާބީއާ ގުޅިގެން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްއިން ބުނީ، މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ވެލްނަސް އަދި ސްޕާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ފައިތިލަސާބިތުކޮށްފައިވާކަމުގެ ރަމްޒެއް ކަމުގައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާބެއްގެ ގޮތުގައި ވެލްނަސް ދާއިރާއަށް ހާއްސަކުރެވިގެން ދެވޭ މި އެވޯޑް ރާއްޖެއިން ހޯދާފައިވަނީ ސޭޝެލްސް، މޮރީޝަސް ފަދަ ވެލްނަސް ދާއިރާއިން ކުރިއަރާފައިވާ މަންޒިލްތަކާ ވަރުގަދަ ވާދައެއް ކޮށްގެންނެވެ.

މިއަހަރުގެ އެވޯޑްގައި ދިވެހިރާއްޖެއަށް ލިބުނު ސަރަހައްދީ ޝަރަފުގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓުތަކަށްވެސް ވަނީ އެކި ކެޓަގަރީތަކުން އެވޯޑުތައް ލިބިފައެވެ. ވެލްނަސް ފަތުރުވެރިކަން ދުނިޔޭގައި ކުރިއަރަމުން އަންނައިރު، ރާއްޖެއިން މި ޝަރަފު ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ދިފާޢުކުރަމުން ދިއުމީ، ރާއްޖެއަކީ ވެލްނަސް ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދެވޭ މަންޒިލެއްގެ ގޮތުގައި ޤާއިމްވެފައިވާކަމުގެ ހެއްކެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. މި އެވޯޑުގެ 11 އަހަރުވީ މާޒީގައި ދިވެހިރާއްޖެއިން މި އެވޯޑް 10 ފަހަރެއްގެ މަތީން ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.