ތ. ވޭމަންޑޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ގާއިމްކުރުމަށްޓަކައި، އެ މަޝްރޫޢުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިފިއެވެ. މި ބިންގާ އެޅުއްވީ، ރައީސް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވިއިރު، އެމަނިކުފާނާއެކު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވެސް ވަނީ ބިންގާ އަޅުއްވައިދެއްވާފައެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި ވޭމަންޑޫ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ނިމޭއިރު، ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ލިބިގެންދާނެއެވެ. މިއީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި، ރަށުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.