ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްމީކޮށް ފަށައިފިއެވެ. މިކަން ފެށީ ވޭމަންޑޫގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިއީ ސަރުކާރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
މި ސަރުކާރުގެ އެއް އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމެވެ. މި އަމާޒު ހާސިލުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އަވަހަށް ލިބި، ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
