ދުނިޔޭގެ އެންމެ ބޮޑު އެއް ޖައްވީ އިދާރާ، އެމެރިކާގެ ނާސާ އިން، އިންސާނުން ހަނދުގެ ވަށައިގެން ދަތުރުކުރުމަށް 50 އަހަރު ފަހުން ތައްޔާރުވެއްޖެ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މިކަމަށްޓަކައި ކުރިން ތާވަލުކުރެވިފައިވާ ތާރީޚަށްވުރެ އަވަހަށް މީހުންނާއެކު ހަނދަށް ފޮނުވާ ފުރަތަމަ މިޝަން ފެށުމަށް ނާސާއިން ވަނީ ނިންމާފައެވެ.
ނާސާގެ އާޓިމިސް ޕްރޮގްރާމުގެ ދަށުން، ހަނދަށް އިންސާނުންނާއެކު ކުރާ ފުރަތަމަ ދަތުރު 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކުރީކޮޅު ފެށިދާނެ ކަމަށް ނާސާއިން ބުނެފައިވެއެވެ. އާޓިމިސް ޕްރޮގްރާމަކީ ހާއްސަކޮށް، 50 އަހަރަށް ވުރެ ގިނަ ދުވަސްފަހުން އިންސާނުން އަލުން ހަނދަށް ފޮނުވުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.
މީގެ ކުރިން، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާޓިމިސް 1 މިޝަން ކާމިޔާބުކަމާއެކު ހަނދުގެ ވަށައިގެން ދަތުރުކޮށްފައިވެއެވެ. ނަމަވެސް އެ މިޝަންގައި އިންސާނުންނެއް ހިމަނާފައެއް ނުވެއެވެ. ކުރިއަށް އޮތް 10 ދުވަހުގެ އާޓިމިސް 2 މިޝަންގެ މަޤްޞަދަކީ، ހަތަރު އެސްޓްރޯނޯޓުން ހަނދުގެ ވަށައިގެން ދަތުރުކުރުމަށްފަހު އެއްވެސް ނުރައްކަލަކާ ނުލައި ދުނިޔެއަށް އަނބުރާ ގެނައުމެވެ.
މި މިޝަންގައި އެސްޓްރޯނޯޓުން ހަނދުގެ ސަޠަޙަށް ނުފައިބާނެ ނަމަވެސް، 1972 ވަނަ އަހަރުގެ ފަހުން އިންސާނުން ލޯ-އަރތު އޯބިޓް އަށްވުރެ ދުރުން ދަތުރުކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. މި މިޝަން ކުރިން ތާވަލުކުރެވިފައި އޮތީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ނަމަވެސް، މިހާރު 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކުރީކޮޅު ފެށޭނެ ކަމަށް ބެލެވެއެވެ.
ނާސާގެ އެކްޓިން ޑެޕިއުޓީ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރ، ލަކީޝާ ހޯކިންސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "އާޓިމިސް 2 ގެ މިޝަން ފެބުރުއަރީ 5 ވަނަ ދުވަހުގެ ކުރީކޮޅު ފެށި ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެސްޓްރޯނޯޓުންގެ ސަލާމަތީ ކަންކަމަކީ އަޅުގަނޑުމެންގެ އެންމެ އިސްކަމެއްކަން ސާފުކޮށްދޭން."
އާޓިމިސް 2 މިޝަން އެކުލަވާލާފައިވަނީ މީހުންނާއެކު ހަނދުގެ ސަޠަޙަށް ފައިބަން ރޭވިފައިވާ އާޓިމިސް 3 މިޝަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. 2027 ވަނަ އަހަރަށް ތާވަލުކުރެވިފައިވާ އާޓިމިސް 3 ޕްރޮގްރާމުގެ ދަށުން، އެތައް އަހަރެއް ފަހުން އަލުން އިންސާނުން ހަނދުގެ ސަޠަޙަށް ފައިބާނެއެވެ. އާޓިމިސް 3 ގައި އެސްޓްރޯނޯޓުން ހަނދަށް ގެންދާނީ ސްޕޭސްއެކްސްގެ ސްޓާޝިޕް ރޮކެޓް ބޭނުންކޮށެވެ. އޭގެ ބަދަލުގައި، އާޓިމިސް 2 މިޝަން ފޮނުވާނީ ނާސާގެ ތާރީޚުގައި މިހާތަނަށް އޮތް އެންމެ ބާރުގަދަ ރޮކެޓް ކަމަށްވާ ސްޕޭސް ލޯންޗް ސިސްޓަމް (އެސް.އެލް.އެސް) ބޭނުންކޮށެވެ.
މި ރޮކެޓް ވަނީ އާޓިމިސް 1 ހަނދަށް ފޮނުވުމަށްވެސް ބޭނުންކޮށްފައެވެ. އެސް.އެލް.އެސް ރޮކެޓުގެ މަތީގައި ހަރުކުރެވިފައިވާ އޮރިއަން ސްޕޭސް ކެޕްސޫލުން ހަތަރު އެސްޓްރޯނޯޓުން ހަނދުގެ ވަށައިގެން ދަތުރުކުރުމަށްފަހު ސަލާމަތުން ދުނިޔެއަށް އަނބުރާ ގެންނާނެއެވެ.އެސް.އެލް.އެސް ރޮކެޓުގެ އުސްމިނަކީ 98 މީޓަރެވެ. އޮރިއަން ކެޕްސޫލާއެކު މިއީ ނާސާއިން ދުރު ޖައްވު ދިރާސާކުރުމަށް ބޭނުންކުރާ އެންމެ ބާރުގަދަ ނިޒާމެވެ.
