އުމުރަކީ ހަމައެކަނި ނަންބަރެއްކަން ދައްކުވައިދެމުން، އިންޑިއާގެ ކެރަލާގެ 70 އަހަރުގެ ލީލާ ޖޯސް، ދުބާއީގެ 13,000 ފޫޓުގެ އުސްމިނުން ސްކައިޑައިވް ކޮށްފިއެވެ. މި ހިތްވަރުގަދަ ދަތުރު އޭނާ ސިފަކޮށްފައިވަނީ "ހުވަފެނެއް ފަދަ" ތަޖުރިބާއެއްގެ ގޮތުގައެވެ.

އިޑުކީ ޑިސްޓްރިކްޓްގެ ކޮންނަތަޑީއަށް ނިސްބަތްވާ ލީލާ ޖޯސް، މި ކާމިޔާބު ހޯދާފައިވަނީ "ސްކައިޑައިވް ދުބާއީ"އާ އެކުގައެވެ. އޭނާގެ މި ހިތްވަރުގަދަ ޢަމަލާ ގުޅޭގޮތުން ހޯމަ ދުވަހު އޭނާގެ ގޭގައި ހުރެ ގަލްފް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، މީހުން މަތިންދާބޯޓުން ފުންމާލާތީ އޭނާއަށް އިވިފައިވީ ނަމަވެސް، އެކަމަށް ސްކައިޑައިވިންގ އޭ ކިޔާކަމެއް ކުރިން ނޭނގޭ ކަމަށެވެ.

އެމިރޭޓްސް (ޔޫ.އޭ.އީ) އަށް އޭނާގެ ދަރިފުޅަށް ޒިޔާރަތްކުރަމުން ދަނިކޮށް ، ލީލާ ޖޯސް ވަނީ 6,000 ފޫޓުން ޕެރަޝޫޓް ހުޅުވުމުގެ ކުރިން ފްރީ-ފޯލްގެ ތަޖުރިބާކޮށްފައެވެ. އޭނާ ބުނީ، އޭނާގެ  ނިޔާވި ފިރިމީހާ އޭނާގެ ނުރައްކާތެރި ކަންކަމަށް ޝައުޤުވެރިވާ ރޫޙަށް ބާރުއަޅާފައިވާ ކަމަށާއި، އޭނާގެ ދަރިފުޅު އަނީޝް ޕީ ޖޯސް އޭނާގެ ސްކައިޑައިވް ކުރުމުގެ ހުވަފެނަށް އެހީތެރިވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާގެ މިހުވަފެން އަވައްޓެރިންނާ ހިއްސާކޮށްފާވެއެވެ. "އަހަރެމެންގެ މަތިން މަތިންދާބޯޓެއް ދިޔަ ވަގުތު، މި ވާހަކަ ދެކެވި، އަހަރެންވެސް އެކަން ކުރަން ބޭނުންވާކަމަށް ބުނީމެވެ. އެންމެން ކުރީ އަހަރެންނަށް މަލާމާތެވެ،" އޭނާ ބުންޏެވެ.

ނަމަވެސް، މި ހުވަފެން ޙަޤީޤަތަކަށް ވާން އޮތީ ތަޤްދީރު ކުރެވިފައެވެ. ދުބާއީ ޑްރޯން ޝޯއެއް ބަލަން ހުއްޓާ މި ވާހަކަ އަލުން ދެކެވުނެވެ. އޭނާގެ ދަރިފުޅުގެ އަނބިމީހާ އޭނާގެ ހުވަފެނަށް ތާއީދުކުރިއެވެ. "ފުރަތަމަ އަހަރެމެންނަށް ކަށަވަރެއް ނޫން 70 އަހަރުގެ މީހަކަށް އެފަދަ ކަމެއް ކުރެވޭނެ ކަމަކަށް އެމީހުން އެފުރުޞަތުދީ އެކަން ޤަބޫލުކުރާނެ ކަމަކަށް،" ލީލާ ބުންޏެވެ.

އެކަން ކުރަން މަރުކަޒަށް ދިޔަ ވަގުތު، މުވައްޒަފުންނަށް ހީވީ ސްކައިޑައިވް ކުރާނީ އަނީޝް ކަމަށެވެ. "އިންސްޓްރަކްޓަރު ރަޔަންއަށް އެކަން ކުރާނީ އަހަރެންކަން އެނގުމުން، އޭނާ އަހަރެންނަށް މިކަންވާނެކަން ކަށަވަރުކޮށްދިން،" ލީލާ ޖޯސް ބުނެފައިވެއެވެ. "އަހަރެންގެ ޢުމުރަކީ މައްސަލައެއް ނޫންކަމާއި ،  އަހަރެން ބޭނުންވީމަ ފުންމާލަން ވީކަން." ބުނެދިނެވެ.

"އަހަރެންނާއެކު ސްކައިޑައިވް ކުރި ބެޗްގައި ހަތަރު ޒުވާނުން ތިއްބެވެ. އެމީހުން އަބަދު އަހަރެންނަށް ބަލާ ހެމުން ދިޔައިމަ، އަހަރެންނަށް ކުޑަކޮށް ލަދުގަތް،" އޭނާ ބުނެފައިވެއެވެ. އަދި ފުންމާލުމަށް ފަހު، "ކުދިންނެއް ނުފެނުނު" ކަމަށް ވެސް އޭނާ ހަނދާންކުރިއެވެ.

ލީލާ ޖޯސް ވަނީ އޭނާއަށް ދިމާވި މި ތަޖުރިބާގެ އިތުރުން، ޖައްވަށް ދާން ބޭނުންވާކަން ވެސް ހާމަކޮށްފައެވެ. "އަހަރެން ތައްޔާރު ޖައްވަށް ދާން. ނުދާންވީ ކީއްވެ؟ ހުވަފެން ދެކެން ވަކި ޢުމުރެއް ނުބަލާނެ،" އޭނާ ބުންޏެވެ.