ގިނައަދަދެއްގެ މުވައްޒަފުން ކޮވިޑަށް ފައްސިވެފައިވާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ މެނޭޖްމެންޓުން މުވައްޒަފުންނާ ދޭތެރޭ އަމަލުކުރާ ގޮތާއި މެދު ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އެ ޖަމުއިއްޔާއިން ކޮއްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ރިސޯޓުގެ އަށްސަތޭކައެއްހާ މުވައްޒަފުންގެ ތެރެއިން ސަތޭކައެންހާ މުވައްޒަފުން ތިބީ ކޮވިޑަަށް ފައްސިވެފައިކަމަށެވެ. ނަމަވެސް ރިސޯޓު ހިންގަމުން ދަނީ 80 އިންސަތަ އޮކިއުޕެންސީގައި ކަމުން، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ހިނެމޭ މުވައްޒަފުންވެސް ވަޒީފާ އަށް ނެރޭކަމަށެވެ. މީގެ އިތުރުން އެ މުވައްޒަފުން ލައްވާ 15 ގަޑިއިރު މަސައްކަތް ކުރުވާއިރު އިތުރުގަޑީގެ މުސާރަވެސް ނުލިބޭ ކަމަށް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހުރީ އެންމެ ޑަކްޓަރަކާއި ނަރުހެއް ކަމަށާއި އެމީހުންވެސް އުޅެނީ ބަލިވެ ހާސްކަންމަތީގައި ކަމަށްވެސް އެ ޓުވީޓުގައި ވަނީ ބުނެފައެވެ. އަދި އެ ރިސޯޓުގެ 50 އިންސަތަ މުވައްޒަފުންނަށް ވެކްސިން ނުޖަހައިދޭ ކަމުގެ ތުހުމަތުވެސް ވަނީކޮށްފައެވެ. މީގެ އިތުރުން އެ ޓުވީޓުގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާރެތިކަމަށްވުރެ ބޮޑަށް ވިޔަފާރިވެރިންގެ ފައިދާ މުހިންމު ވެގެން ނުވާނެ ކަމަށެވެ. އަދި މިކަން ހިނގާ ގޮތް ބަލާ އަވަސް ފިޔަވަޅެއް އެޅުމަށް ޓޫރިޒަމް މިނިސްޓަރަށާއި އެޗްޕީއޭ އަށް މިޓުވީޓުގައި ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި އިތުރުގަޑީގެ މުސާރަ ނުދޭ ކަމުގެ ޝަކުވާ އަކީ ވަރަށްގިނައިން ކުރެވެމުން އަންނަ ޝަކުވާއެކެވެ. ހާއްސަކޮށް ކޮވިޑުގެ މި ދަނޑިވަޅުގައި މަދު މުވައްޒަފުންނާއި އެކު މަސައްކަތް ކުރާއިރު ގިނަ ވަގުތު މަސައްކަތުގައި ހޭދަން ކުރަން މުވައްޒަފުންނަށް ވަނީ ޖެހިފައެވެ. ޓީމަކީ އަބަދުވެސް މިފަދަ މައްސަލަ ތަކުގައި އެންމެފުރަތަމަ ބަސް ކިޔާ އެއްޖަމުއިއްޔާއެވެ.
