މާލޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ޓަރމިނަލް 1އިން އިންޑިއާގެ މަޝްހޫރު އެއަރލައިން، އިންޑިގޯއިން ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. ޖުލައި 26ގައި ހުޅުވާލި މި ޒަމާނީ ޓަރމިނަލަށް، އެއަރލައިންތަކުގެ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި، އިންޑިގޯއަކީ މި ޓަރމިނަލް ބޭނުންކުރަން ފެށި އަށްވަނަ އެއަރލައިނެވެ.

މިގޮތުން، ޓަރމިނަލް 1އަށް ޖެއްސި އިންޑިގޯ ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދީފައިވާއިރު، މި ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ފިނިފެންމަލުންނެވެ.

އިންޑިއާގެ މި އެއަރލައިނުން 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދަތުރުކުރަމުން އަންނައިރު، އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން 6 ވަނަ އެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 91،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިގޮތުން، އިންޑިގޯއިން ޒަމާނީ ޓަރމިނަލް ބޭނުންކުރަން ފެށުމަކީ ދެގައުމުގެ ދެމެދުގައިވާ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަަނާވެ، ފަތުރުވެރިކަމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

އިންޑިގޯއަކީ ވީއައިއޭގެ އައު ޓަރމިނަލް 1 އިން ޚިދުމަތްދޭން ފެށި 8 ވަނަ އެއަރލައިނެވެ. މި ޓަރމިނަލުން މިހާރު ޚިދުމަތްދެމުން އަންނަ އެހެން އެއަރލައިންތަކަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން، އެއަރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއަރ، ބެއިޖިންގް ކެޕިޓަލް އެއަރލައިންސް، ބަޓިކް އެއަރ އަދި ބެންކޮކް އެއަރވޭސްއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސަރވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. ޓަރމިނަލް 1 އިން ޚިދުމަތްދޭން ފަށާފައިވާ މި އެއަރލައިންތަކުގެ ސަބަބުން ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.