ދުނިޔޭގެ މަޝްހޫރު ޕޮޕް ސްޓާރ ރިހާނާ އާއި އޭނާގެ ބައިވެރިޔާ އޭސަޕް ރޮކީގެ ތިންވަނަ ދަރިފުޅު، އަންހެން ކުއްޖެއް، މި މަހުގެ 13 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކިއްޖެއެވެ. މި އުފާވެރި ޚަބަރު ރިހާނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ރިހާނާގެ އިންސްޓަގްރާމްގައި ކުޑަ އަންހެން ދަރިފުޅު އުރާލައިގެން ހުރި ފޮޓޯއަކާއި، ކުޑަ ކުޑަ ޕިންކު ކުލައިގެ ބޮކްސިން ގްލޯވްސްއެއްގެ ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ. މި ކުއްޖާއަށް ދީފައިވަނީ އޭނާގެ ބައްޕަ، އޭސަޕް ރޮކީގެ ސްޓޭޖް ނަމާ ގާތް ގުޅުމެއްހުރި ނަމެއް ކަމަށްވާ "ރޮކީ އައިރިޝް މޭޔާސް" އެވެ.

މި ދެމަފިރިންނަށް މީގެ ކުރިން ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ ރަޔަޓް  އާއި އާރްޒެޑްއޭ އެވެ. ރިހާނާ ބަނޑުބޮޑުކަން އޭނާ ހާމަކުރީ މި އަހަރުގެ މެޓް ގާލާގައެވެ. އޭނާގެ މި އުފާވެރި ޚަބަރަށް ފޭނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓަށް ދެ ގަޑިއިރު ތެރޭގައި ފަސް މިލިއަނަށް ވުރެ ގިނަ ލައިކް ލިބިފައިވެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބާބަޑޯސްގައި އުފަންވެފައިވާ، އަސްލު ނަމަކީ ރޮބިން ފެންޓީ  ކަމަށްވާ މި މަޝްހޫރު ފަންނާނު ވަނީ އޭނާގެ ފުރަތަމަ އެލްބަމް ނެރުނަތާ 20 އަހަރު ފުރުން ފާހަގަކޮށްފައެވެ. 

މި މުއްދަތުގެ ތެރޭގައި ރިހާނާ ވަނީ އޭނާގެ މަޝްހޫރު މޭކަޕް ބްރޭންޑް ފެންޓީ ބިއުޓީ އާއި ލޯންޖަރީ ކުންފުންޏެއް ހިމެނޭހެން ގިނަ ވިޔަފާރިތަކެއް ފަށާފައެވެ. 37 އަހަރުގެ ރިހާނާގެ އަމިއްލަ މިލްކިއްޔާތު ފޯބްސް އިން ލަފާކޮށްފައިވަނީ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރަށް އަރާނެ ކަމަށެވެ.

"ޑައިމަންޑްސް" ލަވައިގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވަނީ އޭނާގެ ކުރީގެ ބަނޑުބޮޑުކަންވެސް މިފަދަ ހިތްގައިމު ގޮތަކަށް އާންމުކޮށްފައެވެ. 2023 ވަނަ އަހަރު އޭނާގެ ދެވަނަ ދަރިފުޅު ބަނޑުބޮޑުކަމުގެ ޚަބަރު އާންމުކުރީ ސުޕަރ ބޯލް ހާފްޓައިމް ޝޯގައި ރަތް ކުލައިގެ ބޮޑީސޫޓެއްގައި ޕާފޯމް ކުރަމުންނެވެ.