ގައުމީ އެއަރލައިން މޯލްޑިވިއަންއިން އަޒަރުބައިޖާން އެއަރލައިނާއެކު އިންޓަރލައިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އަޒަރުބައިޖާނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ފަސޭހަކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމެވެ.

މި އެއްބަސްވުމުގެ ދަށުން، އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން މި ފަތުރުވެރިންނަށް ދަތުރުކުރުމުގައި ދިމާވާ ތަކްލީފްތަކަށް ލުއިތަކެއް ލިބި، ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދަތުރުކުރުން މާ ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް މިކަމާ ގުޅޭގޮތުން ވިދާޅުވީ، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްފަސޭހަ ލުއި ގޮތްތަކެއް ހަމަޖެއްސުންކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޖާމިލް ވިދާޅުވީ، މިއީ އެ އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެއްކަމަށާއި، ރާއްޖެއަށް ކުރާ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންއަކީ އެ ޤައުމުގެ ގައުމީ އެއަރލައިންއެވެ. މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގައެވެ. މިހާރުވެސް އެ އެއަރލައިނުން ދަނީ ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރަމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.