ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓްކުރި ފުރަތަމަ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އެ ސީރީޒްގައި ހިމެނޭ މަންޒަރަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމަށް ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން އިން ވަނީ އަންގާފައެވެ. ނެޓްފްލިކްސް އިން ދައްކާ މި ސީރީޒްގައި ރަންބީރު ކަޕޫރު ވޭޕްކުރާ މަންޒަރެއް ހިމެނޭތީ، އެޗްއާރްސީއިން ވަނީ މުމްބާއި ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.
މި ސީރީޒްގައި ބޮލީވުޑްގެ 21 މަޝްހޫރު ތަރިންގެ ކެމިއޯ ހިމެނޭއިރު، އޭގެ ތެރޭގައި ރަންބީރު ކަޕޫރުވެސް ހިމެނެއެވެ. ސީރީޒްގައި ހިމެނޭ ހާދިސާތަކާއި ބޯލްޑް ކޮމެންޓަރީއަށް ތައުރީފު ލިބިފައިވީ ނަމަވެސް، އެންމެ ބޮޑު ހޫނުބަހެއް އުފެދިފައިވަނީ ރަންބީރުގެ ކެމިއޯއަކާ ގުޅިގެންނެވެ. އެއް މަންޒަރުގައި ރަންބީރު، ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރަށް މަލާމާތުގެ ގޮތަކަށް ސަލާމް ކުރާ މަންޒަރު ފެނެއެވެ. އޭގެ ފަހުން، އެނިއާ ސިންގްގެ ކެރެކްޓަރުގެ އަތުން ވޭޕް ފެންނަގޮތަށް ރަންބީރު ވޭޕް ކުރާތަންވެސް ފެނެއެވެ.
މި މަންޒަރާ ގުޅިގެން އެންއެޗްއާރްސީ އިން ވަނީ މިކަމާ އިއުތިރާޒުކޮށްފައެވެ. އެ ކޮމިޝަނުން ފާހަގަކޮށްފައިވަނީ، އިންޑިއާގައި އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިގްރެޓް) މަނާކުރާ "ޕްރޮހިބިޝަން އޮފް އިލެކްޓްރޯނިކް ސިނގިރޭޓްސް އެކްޓް، 2019" އާ ހިލާފަށް މި މަންޒަރު ދައްކާފައިވާއިރު، އެއްވެސް ގާނޫނީ އިންޒާރެއް ނުވަތަ ޑިސްކްލެއިމަރއެއް ހިމެނިފައިނުވާ ކަމެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އެންއެޗްއާރްސީ އިން ވަނީ މުމްބާއި ފުލުހުގެ ކޮމިޝަނަރަށް ރަންބީރު ކަޕޫރާއި، ސީރީޒްގެ ޕްރޮޑިއުސަރުންނާއި، ނެޓްފްލިކްސްގެ މައްޗަށް މައްސަލައެއް ރަޖިސްޓަރީ ކުރުމަށް އަންގާފައެވެ. މައްސަލަ ހުށަހަޅާފައިވަނީ، ވޭޕްކުރުން މިފަދަ ކެޝުއަލް ގޮތަކަށް ދެއްކުމަކީ ޒުވާން އުމުރުގެ ކުދިންނަށް ނޭދެވޭ އަސަރުކޮށް، ސިއްހަތަށް ނުރައްކާތެރި އާދަތައް ފެތުރިގެން ދިއުމަށް މަގުފަހިކުރާނެ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ރަންބީރުގެ ގިނަ ފަންނާނުންވެސް ތިބީ ހައިރާންކަން ލިބިފައެވެ. އެއީ، ރަންބީރު މީގެ ކުރިން ބުނެފައިވަނީ އޭނާ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށެވެ. އޭނާގެ ދިރިއުޅުމުގެ މިފަދަ ނިންމުންތަކާ ހިލާފަށް ފިލްމުގައި ވޭޕްކުރާތަން ދެއްކުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މި ކަމާ ގުޅިގެން ސީރީޒްގެ ޕްރޮޑިއުސަރުންނާއި ނެޓްފްލިކްސްއިން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.