ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ސްލޮވީނިޔާއަށް އެތެރެނުވެވޭނެ ކަމަށް އެ ޤައުމުން ވަނީ ނިންމާފައެވެ. ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމެއް ކަމަށްވާ ސްލޮވީނިޔާއިން މި ނިންމުން ނިންމާފައިވަނީ ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޔަހޫދީ ދައުލަތުގެ ދެ ވަޒީރަކަށް ވެސް ސްލޮވީނިޔާއަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ނަތަންޔާހޫއާ ދެކޮޅަށް މިފަދަ ނިންމުމެއް ނިންމުމުން ދުނިޔޭގެ ފަލަސްޠީނު ހިމާޔަތްކުރުމަށް އަޑުއުފުލާ ފަރާތްތަކުން ވަނީ އެކަމަށް ތަރުޙީބު ދީފައެވެ.

ސްލޮވީނިޔާއަކީ ފަލަސްޠީނުގެ ހައްޤުގައި ވަރުގަދަ މަޤާމެއް ދައްކަމުން އަންނަ ޤައުމެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ވަނީ ބަލައިގެންފައެވެ. އަދި ފާއިތުވި އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީންނަށް ހަތިޔާރު ވިއްކުމާއި ފޯރުކޮށްދިނުން ވެސް ސްލޮވީނިޔާއިން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ ތަކެތި އެ ޤައުމަށް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.