ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. ގުރައިދޫއަށް ވަޑައިގެންފިއެވެ. އެ މަނިކުފާނު ގުރައިދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގުރައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގުރައިދޫ ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މުހިންމު ދަތުރުފުޅުގައި، ގުރައިދޫގެ ތަރައްޤީއަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާފައެވެ. އެގޮތުން، ގުރައިދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވާދެއްވުމާއި، އެ ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމުގެ އިތުރުން، އެ ރަށުގައި އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ އުމްރާނީ ތަރައްޤީއާއި، ރައްޔިތުންގެ ދުޅަހެޔޮކަމަށް ހުޅުވިގެންދާނެ އައު ދޮރުތަކެކެވެ.

މި ދަތުރުފުޅަކީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ޖުމްލަ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރައްވަނީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.