އާރތުރައިޓިސް އަކީ މުޅި ދުނިޔޭގައި އެތައް މިލިއަން ބަޔަކު ތަހައްމަލު ކިރަމުން އަންނަ ބައްޔެކެވެ. މި ބައްޔަށް ރާއްޖެބައްޔޭވެސް ކިޔައެވެ. މިއީ ގައިގެ އެކި ހިސާބުތަކުގައި، ހާއްސަކޮށް ހުޅުހުޅުގައި ރިހި، ދިރިއުޅުމުގެ ފެންވަރު ދަށްކޮށްލާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ކަންކަމަށް ހުރަސް އަޅައެވެ. މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ސައިންސްވެރިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ކެމްބްރިޖްގެ ސައިންސްވެރިން ވަނީ އާރތުރައިޓިސްގެ ތަދަށް ނިމުމެއް ގެނެސްދިނުމުގެ ބޮޑު އުއްމީދެއް އުފަންކޮށްދޭފަދަ މާއްދާއެއް އީޖާދުކޮށްފައެވެ.

މި އީޖާދަކީ ބޮޑު ކުރިއެރުމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކެމްބްރިޖްގެ ސައިންސްވެރިންގެ ބުރަ މަސައްކަތުން ވަނީ، މިހާތަނަށް ހޯދިފައިވާ ހުރިހާ މާއްދާއަކާ ތަފާތު އާ މާއްދާއެއް، ނުވަތަ ޖެލްއެއް އުފައްދާފައެވެ. މި ޖެލްއަކީ އާރތުރައިޓިސްއަށް ފަރުވާ ދިނުމުގައި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ޖެލްއެއް ކަމަށް ބެލެވެއެވެ.

މި ޖެލްގެ ހާއްސަ ކަމަކީ ހަށިގަނޑުގައި ހިނގާ ކުދިކުދި ކެމިކަލް ބަދަލުތައް ދެނެގަތުމުގެ ގާބިލިއްޔަތު އެއަށް ލިބިފައިވުމެވެ. ހާއްސަކޮށް، އާރތުރައިޓިސްގެ ތަދެއް ނުވަތަ 'ފްލެއަރ-އަޕް' އެއް އަންނަ ވަގުތުތަކުގައި ހަށިގަނޑުގައި އެސިޑިޓީ މަތިވާކަން މި ޖެލްއަށް ދެނެގަނެވޭނެއެވެ. މިކަމަކީ މިފަދަ ރިހުމެއް ނަގާ ދަނޑިވަޅުތަކުގައި ފަރުވާ ދިނުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމެކެވެ.

މި ޖެލްގެ އެންމެ މުހިންމު ސިފައަކީ، ބޭސް ބޭނުންވާ ވަގުތުގައި، ބޭނުންވާ ތަނަށް ދޫކޮށްލުމުގެ ގާބިލިއްޔަތުކަން އެއަށް ލިބިފައިވުމެވެ. އާންމުކޮށް ބޭސް ބޭނުންކުރާ އިރު، މުޅި ހަށިގަނޑަށް އެ ބޭސް ފެތުރިގެންދެއެވެ. ނަމަވެސް، މި އާ ޖެލްގެ ސަބަބުން ބޭސް ދޫކޮށްލަނީ އެސިޑިޓީ މަތިވެފައިވާ، އެބަހީ އާރތުރައިޓިސްގެ ތަދުހުރި ހިސާބަށް ކަމަށްވުމުން، ބޭހުގެ އަސަރު އެންމެ ބޭނުންވާ ތަނަށް ފޯރުކޮށްދީ، ހަށިގަނޑުގެ އެހެން ބައިތަކަށް އޭގެ ނޭދެވޭ އަސަރު ކުޑަކޮށްދިނުމުގެ ފުރުސަތު ބޮޑެވެ.

މިސާލަކަށް ބަލާނަމަ ކަކުލު ހުޅުގައި ރިއްސުމުން ނުވަތަ ތަދުވުމުން ކަކުލުގައި މި ޖެލް އުނގުޅާއިރު، މުޅި ކަކުލަކަށް މި ޖެލްގެ އަސަރެއް ނުކުރާނެއެވެ. މި ޖެލްގެ އަސަރު ކުރާނީ ސީދާ ކަކުލުގައި އެ ތަދެއް އުފައްދައިދޭ ހިސާބަކަށް އެކަންޏެވެ. ނަތިޖާއެއްގެ ގޮތުން ބޭހުގެ އަސަރު ބޮޑަށްކޮށް އަވަހަށް ތަދު ނުވަތަ ރިހުން ކުޑަވެގެން ދެއެވެ. އަދި ކަކުލުހުޅުގެ އެހެން ހިސާބުތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. މާނައަކީ ބޭހުގެ ސަބަބުން އެ ހިސާބުތަކުގައި ހިނގާ ކެމިކަލް އެއްވެސް ރިއެކްޝަންއެއް ނުހިނގާނެއެވެ.

މިފަދަ އީޖާދުތަކުގެ ސަބަބުން އާރތުރައިޓިސްގެ ސަބަބުން ތަދާއި ރިހުން ތަހައްމަލުކުރާ އެތައް ބަޔެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ވޭން އަވަހަށް ކުޑަވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. މިއީ ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން އިންސާނިއްޔަތަށް ލިބޭ ލުޔެއް ކަމަށް ވެދާނެއެވެ. މިފަދަ ހޯދުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ފަސޭހަވެ، ބަލިތަކުން ރައްކާތެރިވެ، މުސްތަޤުބަލުގައި ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމީ ޔަގީންކަމެކެވެ.

ކަންއޮތީ މިހެން ނަމަވެސް މި ޖެލް އަދި މާކެޓަކަށް ނުނެރެއެވެ. ތަހުލީލީ އެކި އެކި މަރުހަލާތައް ކަޑައްތުކުރުން އަދި އޮތީ ކުރިއަށެވެ. އިންސާނުންނަށް ސީދާ ބޭނުން ކޮށް، މާކެޓަށް ނެރޭނީ ޖެލްގެ ހުރިހާ ތަހުލީލީ މަރުހަލާއެއް ފުރިހަމަކޮށްފައެވެ.