ދުބާއީގެ އަމީރު ޝައިޚް މުޙައްމަދް ބިން ރާޝިދް އަލް މަޚްތޫމްގެ އަންހެން ދަރިކަނބަލުން ޕްރިންސަސް ލަތީފާ އާންމުންނަށް ގެއްލުނުތާ 3 އަހަރު ވެގެން ދިޔަ އިރު ލަތީފާ މަރާލެވިފައިވާ ކަމަށް ބައިނަލް އަޤްވާމީ ބައެއް ޖަމްއިއްޔާ ތަކުން ދިޔައީ ޝައްކު ކުރަމުންނެވެ. އަދި ލަތީފާ ދިރިހުރިކަމުގެ ހެކި ދެއްކުމަށްވެސް ބައެއް ޖަމްއިއްޔާތަކުން ދުބާއީގެ ޝާހީ އާއިލާގެ ކިބައިން އެދެމުން ދިޔައެވެ.

މިއިން އެއްވެސް ކަމަކަށް ޝާހީ އާއިލާގެ އެއްބާރުލުމެއް ނުލިބި ހުއްޓާ، ޝޮޕިންގ މޯލްއެއްގައި ލަތީފާ އޭނާގެ ރައްޓެހިންތަކަކާއި އެކުގައި އިން ފޮޓޯއެއް މިވަނީ އާންމުވެފައެވެ. ލަތީފާގެ ރަޙްމަތްތެރިއަކު އިންސްޓަގްރާމްގައި އާންމުކުރި މި ފޮޓޯގައި ލަތީފާ ފެންނަނީ ވަރަށް ހަމަޖެހިލައިގެން އިންދައެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު އާންމުވި ވީޑިއޯއެއްގައި ވަރަށް ބިރުން އިނދެ ވާހަކަ ދައްކަމުން ލަތީފާ ބުނެފައިވަނީ، އޭނާގެ ބައްޕަ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝާހީ އާއިލާގެ ވިލާއެއް ޖަލެއްގެ ގޮތުގައި ހަދާ އެތަނުގައި އޭނާ ބަންދުކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އެހީއަށް އެދި މި ވީޑިއޯގައި އާދޭސްކޮށްފައެވެ.

ލަތީފާ ހައްޔަރު ކުރެވުނީ 2018 ވަނަ އަހަރުގެ މާރޗްމަހުގެ 4 ވަނަ ދުވަހުގެ އިންޑިޔާ ސިފައިންގެ އެހީގައި އިންޑިޔާ ކަނޑުންނެވެ. ލަތީފާއާއި ލަތީފާގެ ރައްޓެހި ޓީނާ ދުބާއީ އިން ފިލައިގެން އެއްގަމު މަގުން އޮމާންއަށް ގޮސް، އޮމާން އިން ބައިނަލް އަޤްވާމީ ކަނޑުގެ ސަރަހައްދުތެރެއިން އެމެރިކާގެ ބޯޓަކަށް އަރަން މަސައްކަތް ކުރަނިކޮށް ހައްޔަރު ކުރިފަހުން ލަތީފާ ވަނީ އާންމުންނަށް ގެއްލިފައެވެ.

ލަތީފާ އޭނާގެ އާއިލާއަށް ފިލަން މަސައްކަތްކުރީ އޭނާގެ ބައްޕަގެ ހަރުކަށި އަމުރުތަކަށް ކެތްނުކުރެވިގެން ކަމަށް ބުނެއެވެ. ދުބާއީގެ ޝާހީ އާއިލާގެ އަންހެނުން މިހެން ފިލައިގެން ދިއުން މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ލަތީފާގެ ދައްތަ ޝަމްސާވެސް ވަނީ ފިލައިގެން އިނގިރޭސިވިލާތަށް ގޮސްފައެވެ. އެފަހަރު އޭނާ ހައްޔަރުކޮށްގެން އަނބުރާ ދުބާއީއަށް ގެނައެވެ. ނަމަވެސް އަމީރުގެ އެއް އަނބިކަނބަލެއް ކަމަށްވާ ޕްރިންސަސް ހަޔާ ފިލައިގެން ދިޔަ ގޮތަށް އިނގިރޭސި ކޯޓަށް ހުށައެޅީ ވަރިވާށެވެ.