ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މި ވާހަކަ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެކެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދީ، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ދެމެހެއްޓެނިވި ތަރައްޤީ އެކުލެވިގެންވާ މުސްތަޤުބަލަކަށް މުހިންމުކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ސިނާޢަތުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށް، މި ސިނާޢަތް ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ބާރުއަޅައި، ފަތުރުވެރިކަމާއި އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިސާދީ ކަންކަމާއި އޮންނަ ގުޅުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.
