ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ. މި އަ އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ ތ. އޮމަދޫގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުކުރެވުނެވެ. މިއާއެކު، ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިއެވެ.

ފުލުހުންގެ ފަރާތުން ވިދާޅުވީ މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރެއްކަމަށްވެސް ފާހަގަކުރެވުނެވެ.

މި އަމާޒު ހާސިލްކުރުމަށްޓަކައި، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެ ޚިދުމަތް ފެށްޓުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ފެށެމުންނެވެ. ސަރުކާރުގެ މަޢުލޫމާތު ދެއްވާ ފަރާތްތަކުން ވިދާޅުވީ މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ކުށްކުރުން މަދުވެ، ރައްޔިތުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.