ބ. އޭދަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވީ އޭދަފުށި ބެޑްމިންޓަން ކަޕް މުބާރާތުން ލައިބާ އަހުމަދު މަހުލޫފް ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލްކޮށްފިއެވެ.
މި މަހުގެ 19 އިން 26 ގެ ނިޔަލަށް އޭދަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ކުރިއަށްދިޔަ މުބާރާތުގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ޖޫނިއާ އޯޕަންގެ އިތުރުން އޯޕަން ބައިގެ ކުޅުން ކުރިއަށްގެންގޮސްފައިވާއިރު، ލައިބާ ވަނީ މީގެތެރެއިން ހަތަރު އިވެންޓަކުން މެޑެލް ހާސިލްކޮށްފައެވެ.
އެގޮތުން، ލައިބާ ވަނީ އޭދަފުށީ މުބާރާތުގެ ތިން އިވެންޓަކުން ރަން މެޑެއްޔާއި، އެއް ލޯ މެޑެލް ހާސިލްކޮށްފައެވެ.
އޭދަފުށި ބެޑްމިންޓަން ކަޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ފައިނަލުގައި ހައްވާ ނައުރީން މުޙައްމަދު ސީދާ ސެޓުން ބަލިކޮށްގެންނެވެ. މީގެއިތުރުން، ލައިބާ ވަނީ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓާއި، އެ އުމުރުފުރައިގެ އަންހެން ޑަބަލްސް އިވެންޓުން ވެސް ރަން މެޑެލް ހާސިލްކޮށްފައެވެ. ލޯ މެޑެލް ލިބުނީ އޯޕަން ކެޓަގަރީގެ މިކްސް ޑަބަލްސް ބައިންނެވެ.
މިވަގުތު ރާއްޖޭގެ ބެޑްމިންޓަންގައި ގިނަ ކުރިއެރުންތަކެއް ހޯދަމުންއަންނަ ލައިބާ ވަނީ އެންމެ ފަހުން ބޭއްވި ދިރާގު މޯލްޑިވްސް އޯޕަންގެ އިތުރުން ނައިފަރު އޯޕަންގައި ރަނގަޅު ކާމިޔާބީއެއް ހޯދައިފައެވެ. އޭގެކުރީން ބައިވެރިވީ ބައިނަލްއަގުވާމީ ބެޑްމިންޓަންގެ ޔޫތު އޯޕަން މުބާރާތްތަކުން ވެސް ވަނީ ގިނަ މެޑެލްތަކެއް ހާސިލްކޮށްފައެވެ.
އޭދަފުށީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސް އަދި ޤައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ނިބާލް އަހުމަދު ހޯދީ ފައިނަލުގައި ހަސަން ޒަޔާން މުޙައްމަދު ބަލިކޮށްގެންނެވެ. މި މެޗުން ނިބާލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 21-17، 21-15 އިންނެވެ.
