ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ފެނަކަ ކޯޕަރޭޝަންގެ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލައަކީ ހަމައެކަނި ފެނަކައިގެ ވެރިންގެ ބޮލުގައި ޒިންމާ އަޅުވާލައިގެން ސަލާމަތްވެވޭވަރަށްވުރެ މާބޮޑު މައްސަލައެއްކަމަށް ވިދާޅުވެއްޖެއެވެ. މެމްބަރު ޝުޖާއު މިކަން ހާމަކުރެއްވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި، މި ޚިޔާނާތަކީ ނިމިދިޔަ ސަރުކާރުގެ ދައުރުގައި އެމްޑީޕީގެ މުޅި ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ޝާމިލުވާހެން ރާވައިގެން ހިންގާފައިވާ ޚިޔާނާތެކެވެ. ފެނަކައަކީ އެމްޑީޕީއިން ނިމިދިޔަ ދައުރުގައި ވައްކަންކުރުމަށާއި ޚިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ކުންފުންޏެއް ކަމަށް ޝުޖާއު ވަނީ ތުހުމަތުކުރައްވާފައެވެ.

މިމައްސަލައިގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔައިރު، ހަމައެކަނި ފެނަކައިގެ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން، ބިޑުކުރުމަކާ ނުލައި އެތައް މަޝްރޫއެއް މަސްލަޙަތު އޮތް ކުންފުނިތަކަށް ދީފައިވާކަމާއި، ވުޖޫދުގައި ނެތް ކުންފުނިތަކަށް އަދި މާކެޓްގެ އަގުތަކާ ނުބައްދަލު ބޮޑެތި ޢަދަދުތަކުން އެކި ފަރާތްތަކަށް ފައިސާ ދައްކާފައިވާކަން ފަދަ އެތައް މައްސަލައެއް ހާމަވެފައިވެއެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ދައުރުގައި އޭރު އިދިކޮޅުގައި ތިބެއްވި ޕީޕީއެމް ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މި ޚިޔާނާތުގެ ވާހަކަތައް ދައްކާފައިވެއެވެ. ނަމަވެސް އެކަމަށް އޭރުގެ ސަރުކާރުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. އަދި އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއޮތް ކޮމިޝަނުން މިމައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމުން، އެ އޭސީސީގެ މެމްބަރުންގެ މަޤާމު ގެއްލިގެން ދިޔަކަމަށް ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.

"މީގެ ނަތީޖާއަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަޤާމުން ދުރުކުރި އެނގޭތޯ، އެމްޑީޕީގެ ސުޕަރމެޖޯރިޓީ ޕާލެމަންޓަކުން މިވާހަކަދެއްކީތީ. އެހެންވީމަ އަޅުގަނޑު ޤަބޫލެއް ނުކުރަން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިލެކްޝަންސްގެ ރައީސް، އެކަމަނާއަށް ފެނިވަޑައިގަތް ކަންކަން ފާހަގަކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރަށް ފެނަކައިގެ ތެރޭގައި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އެބަ ހިނގައޭ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އެކަން ސަމާލުކަމަށް ގެނައިމަ ޝިއުނާ އަދި މުޅި ޓީމު އެއްކޮށް ބޭރުކުރި އެނގޭތޯ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ މިކަންކަން ހިންގަމުންދާކަން ކަނޑައެޅިގެން އެނގިތިބެ އޭރުގެ ސަރުކާރުގެ އިސްވެރިން މިކަމަށް ފިޔަވަޅު ނާޅާ ތިބި ތިބުމާއި އަދި މިއީ ނުހިނގާކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަމައަށް ކޮރަޕްޝަނަށް މަގުފަހިވާކަމެއްގެ ކަންބޮޑުވުން ނުވަތަ ތުހުމަތެއް ކުރުމާއެކު އެކަން ބައްލަވާ ފިޔަވަޅު އަޅުއްވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. މިސަރުކާރުން ދެން އަންނަ ދައުރަކަށް ކޮރަޕްޝަން ބެލުމަށް މަޑުނުކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.