މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ ޓަރމިނަލްގައި ތަޢާރަފުކުރާ އައު އިލެކްޓްރޯނިކް ވެހިކަލް ކިޔޫ ނިޒާމަށް ޑްރައިވަރުންގެ ތަރުހީބު ލިބިއްޖެއެވެ. މި ނިޒާމު ފެށުމުގެ ގޮތުން، މިއަދު ވަނީ މި ކިޔުގެ ޤަވައިދުތަކާއި ޢުސޫލުތަކާއި ގުޅޭ އެއްބަސްވުމުގައި ވެހިކަލް ޑްރައިވަރުން ސޮއިކޮށްފައެވެ.
މި މަސައްކަތަކީ ހުޅުމާލެ ޓަރމިނަލްގައި ވެހިކަލް ކިއުތައް ހަރުދަނާކޮށް، ޚިދުމަތްތައް ހަލުއިކުރުމަށް އެމްޕީއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު ކަމެކެވެ. ޑްރައިވަރުން ސޮއިކުރެއްވީ، ކުރިއަށް އޮތްތާނގައި އީ-ކިޔޫ މެދުވެރިކޮށް ޚިދުމަތް ދެވޭނެ އުސޫލުތައް ހިމެނޭ އެއްބަސްވުމެއްގައެވެ.
ހުޅުމާލެ ޓަރމިނަލްގެ އައު އިލެކްޓްރޯނިކް ވެހިކަލް ކިޔޫ ފެށުމުގެ ގޮތުން ވެހިކަލް ޑްރައިވަރުން ވަނީ މިއަދު ކިއުގެ ޤަވައިދުތަކާއި ޢުސޫލުތަކާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހުޅުމާލެ ޓަރމިނަލްއިން 1 އޮކްޓޯބަރ 2025 އިން ފެށިގެން ޚިދުމަތް ފޯރުކޮށްދެވޭނީ އިލެކްޓްރޯނިކް ކިއުގައި… pic.twitter.com/Lp0fynBRTB
— Maldives Ports Limited (@Portmv) September 27, 2025
އެމްޕީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، 1 އޮކްޓޯބަރ 2025 އިން ފެށިގެން ހުޅުމާލެ ޓަރމިނަލްއިން ޚިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި މި އީ-ކިޔުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކަށެވެ. މި ބަދަލާއެކު ވެހިކަލްތައް ކިއުގައި މަޑުކުރަން ޖެހޭ ވަގުތު ކުރުވެ، ޚިދުމަތް ލިބިގަތުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން އުންމީދުކުރެއެވެ. މި ނިޒާމުގެ ސަބަބުން ޓަރމިނަލްގެ މަސައްކަތްތައް ހަރުދަނާވެ، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.
