ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ 3 މުހިންމު ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ނިންމަވައިފިއެވެ. މިއީ ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލުގެ ތެރެއިން، މިހާތަނަށް މުސާރަ ބޮޑުނުވާ ސިވިލް ސަރވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމެކެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ކުރައްވަން ނިންމަވާ ޢިއުލާނުކުރައްވާފައިވާ ކަމެއްކަމަށެވެ. އަދި ކުރިންވެސް ފާހަގަކުރައްވާފައިވާ ފަދައިން މިއަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ. މި ސަރުކާރުގެ ދަށުން، ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ.

މިއަހަރުގެ ރިޔާސީ…

— Dr Mohamed Muizzu (@MMuizzu) September 28, 2025

 

މިދައުރުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ މުސާރަ މިހާރުވަނީ ބޮޑުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސަކީ ރަސްމީ މުސާރައެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވާފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫން ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވުމަކީ ރައްޔިތުންގެ މެދުގައި ދިގު މުއްދަތެއްގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް ފުރަތަމަ ފަހަރަށް ބަދަލެއް ގެނެސްފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން އެކި ނަންނަމުގައި އެލަވަންސްތައް ދިންނަމަވެސް، އެކަށީގެންވާގޮތުގައި މުސާރައަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2022 ވަނަ އަހަރުވަނީ ނަރުހުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ. އެހެންނަމަވެސް، އެނޫން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ބަދަލެއް ގެނެވިފައި ނުވާއިރު، އެކަން ބަދަލުކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައެވެ. މި ނިންމެވުމާއެކު، ދިވެހިރާއްޖޭގެ ދައުލަތުގެ މުވައްޒަފުންނަށް ފާގަތި މުސްތަގުބަލެއް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިކަން ފާހަގަކުރެވެއެވެ.