ޚާއްސަ އޮފަރތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރާއްޖޭގެ މާކެޓަށް މަޝްހޫރު ބްރޭންޑް އެލްޖީ ޓީވީ ތަޢާރަފްކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެލްޖީ ޓީވީ ރަސްމީކޮށް ލޯންޗުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޝޯވްރޫމްގައި ބޭއްވުނު މި ރަސްމިއްޔާތަށްފަހު، ރާއްޖޭގެ މާކެޓަށް އަލަށް ތަޢާރަފްކުރި އެލްޖީ ޓީވީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރ، އައިޝަތު ނަޒާހަތު ވިދާޅުވީ، މިއަދުން ފެށިގެން އެލްޖީ ޓީވީ ވަރަށް ޚާއްސަ އޮފަރތަކާއެކު ލިބިގެންދާނެކަމަށެވެ. އަދި މި ޓީވީތައް އެސްޓީއޯގެ ރީޖަނަލް ހުރިހާ ފިހާރަތަކެއްގައިވެސް ކުރިއަށްއޮތްތާނގައި ލިބެން ހުންނާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަޒާހަތު އިތުރަށް ވިދާޅުވީ، އެލްޖީ ޓީވީއަކީ މިހާރުވެސް މާކެޓްގައި މަޝްހޫރު ބްރޭންޑެއްކަމަށާއި، ޒަމާނީ އައު ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި ޓީވީތަކުގައި އާރޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ޚާއްސަ ފީޗަރތަކެއް ހިމެނޭނެކަމަށެވެ. މީގެ ސަބަބުން ބެލުންތެރިންނަށް މޮޅު ތަޖުރިބާއެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީ ޓީވީ ރާއްޖޭގެ މާކެޓަށް ލޯންޗުކުރުމާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ އެލްޖީ ޓީވީތަކުން %10 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28 އިން އޮކްޓޫބަރު މަހުގެ 9 ގެ ނިޔަލަށެވެ. މި ފުރުސަތުގެ ބޭނުންކޮށްގެން، ޒަމާނީ ފީޗާސްތަކާއެކު މޮޅު އަގުތަކުގައި އެލްޖީ ޓީވީތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ޒިޔާރަތްކުރުމަށް ވަނީ ހުޅުވާލާފައެވެ.
