ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަލަސްތީނު ޗެރިޓީ ކަޕްގެ ނަމުގައި ހިންގި، އެހީ ހޯދުމުގެ ހަރަކާތަށް ލިބުނު އެއްލައްކަ ފަންސަވީސް ހާސް ދިވެހި ރުފިޔާ، އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނާ ހަވާލުކޮށްފިއެވެ. މިކަމަށް އައި.އޭ.ސީގެ ހެޑް އޮފީހުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި މި ފައިސާ އާ ހަވާލުވީ، އައި.އޭ.ސީ ގެ ޗެއަރމަން އަހުމަދު އިޤްބާލެވެ. ފަލަސްތީނު ޗެރިޓީ ކަޕް އިންތިޒާމް ކުރި މޯލްޑިވްސް ގޭމާރސްގެ ފަރާތުން މި ފައިސާ ހަވާލުކުރީ އުރީދޫއާއި ގުޅިގެންނެވެ. މިކަމުގައި މޯލްޑިވިއަން ގޭމަރސްގެ ފަރާތުން ބައިވެރިވީ އީ.އެސް.2 ގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ހަމީސް ޢަލީ އެވެ. އަދި އުރީދޫގެ ފަރާތުން ބައިވެރިވީ އެ ކުންފުނީގެ ސީނިއަރ ބްރޭންޑް މެނޭޖަރ މަރިޔަމް ފަލަކް އަހުމަދެވެ. އުރީދޫއިން މި ހަރަކާތަށް 30 ހާސް ދިވެހި ރުފިޔާ ހަދިޔާކޮށްފައިވެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަމުން އައި.އޭ.ސީގެ ޗެއަރމަން އިޤްބާލު ވަނީ، މި ހަރަކާތުގައި ބައިވެރިވި އެންމެހާ ޒުވާނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ފައިސާ އަމާނާތްތެރި ކަމާއި އެކު، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި މިފައިސާ ބޭނުން ކުރެވޭނީ މައިގަނޑު ހަތަރު ބޭނުމަކަށް ކަމަށްވެސް އިޤްބާލު ހާމަ ކުރިއެވެ. އޭގެ ތެރޭގައި، ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ހެނދުނު، މެންދުރު އަދި ރޭގަނޑަށް ހޫނު ކެއުމަށް ފޯރުކޮށްދިނުމާއި، ޕާނާއި ކިރު އަދި ލުއިކާނާ ފޮރުކޮށްދިނުމާއި، ގެދޮރު ހަލާކުވެފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމެއް ހޯދައިދިނުމުގެ އިތުރުން ކުއްލި އެހީއާއި ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހި ކުރުމަށް މި ފައިސާ ހޭދަ ކުރެވޭނެކަމަށް ވެސް އިޤްބާލު ހާމަކުރިއެވެ.

ޖުމްލަކޮށް މި ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އައި.އޭ.ސީގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.