އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މި މުހިންމު ވައުދު ފުއްދުމުގެ ގޮތުން ހުޅުވާލި މި ލޯނަކީ، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ލޯނު ސްކީމުގެ ދަށުން، ރަހުނަކާ އެކު 500،000ރ. އަދި ރަހުނަކާ ނުލައި 150،000ރ. ގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އެސްޑީއެފްސީން ބުނި ގޮތުގައި، މި ފެސިލިޓީގެ ފައިސާ އަހަރަކު 9.5 ޕަސެންޓުގެ އިންޓަރެސްޓުގައި ރޭޓެއްގައި ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދައްކަން ފެށުމުގެ ކުރިން، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ އެވެ.

ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް އެ މީހުންގެ ވަސީލަތްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އާ ފުރުސަތުތަކެއް މި ލޯނުން ފަހިކޮށްދޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ. މި ލޯނުގެ ފައިސާއިން އިކުއިޕްމަންޓް ގަތުމާއި އުފެއްދުމުގެ ހަރަދުތައް ކަވަރުކުރުމާއި ކްރިއޭޓިވް އެންޓަޕްރައިސަސްތައް ސްކޭލް ކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ހަރަދުތައް ފޫބެއްދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް ދާއިރާކަމަށާއި، މި ލޯނުގެ މައިގަނޑު ބޭނުމަކީ ދިވެހި ކްރިއޭޓަރުންގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ދެއްކޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. "މިއީ ހަމައެކަނި ފައިނޭންސިން ޕްރޮޑަކްޓެއް ނޫން. މިއީ ކްރިއޭޓިވް ހުނަރާއި އުފެއްދުންތެރިކަމާއި ގައުމުގެ އިގްތިސާދީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް،" ބަދުރުއްދީން ވިދާޅުވި އެވެ.

މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެސްޑީއެފްސީގެ ވެބްސައިޓުން އެމްއެމްއީ ޕޯޓަލަށް ވަދެގެން މި ލޯނަށް އެދި ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި ލޯނު ސްކީމާއެކު ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް، އެމީހުންގެ ހުނަރާއި އުފެއްދުންތެރިކަން އިތުރަށް ތަރައްގީކޮށް، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވޭނެ އެވެ.