މީގެ ފަސް އަހަރު ކުރިން، ތީރު މީޑިއާގެ އުފެދުމަކީ ތަޖުރިބާއާއި، ކެތްތެރިކަމާއި އަދި ނޫސްވެރިކަމަށް އޮތް ޝައުޤުވެރިކަމުގެ މައްޗަށް ބިނާކުރެވުނު ހުވަފެނެއްގެ ނަތީޖާއެވެ.
ތީރުގެ ތާރީޚު ފެށިގެން އަންނަނީ ރަސްމީކޮށް ތީރު މީޑިއާ އުފެދުމުގެ މާ ކުރިންނެވެ.ތީރުގެ އެއް މުއައްސިސް، މޫސާ ޝިފާޒް، އޭނާގެ ފުރަތަމަ މީޑިއާ ވެންޗަރ "ޖަވިޔަނި ޕްރައިވެޓް ލިމިޓެޑް" ގެ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިއެވެ. އޭނާގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން، ޖަވިޔަނި އަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބި، އިންޑަސްޓްރީގައި މުހިންމު މަޤާމެއް ޙާޞިލުކުރިއެވެ.
ޝިފާޒް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަމިއްލަ މާލީ ވަސީލަތްތައް ވެސް މި މަސައްކަތުގައި އިންވެސްޓް ކުރެއްވިއެވެ. ނަމަވެސް، ހިތާމަޔާއެކު ދަންނަވަންޖެހެނީ، މި މަސައްކަތްތަކަށް އެކަށީގެންވާ ނަތީޖާއެއް ނުފެނުނު ކަމެވެ. އެއްވެސް ފަރާތަކުން އެދެވޭ އެއްބާރުލުމެއް ނުލިބުނެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ޖުލައިމަހު ޖަވިޔަނި ވިއްކާލީއެވެ. މި ތަޖުރިބާއިން ލިބުނު ފިލާވަޅުތަކާއެކު، ތީރު މީޑިއާ އުފެދިގެން އައީ މިނިވަން އަދި ޕްރޮފެޝަނަލް ނޫސްވެރިކަމުގެ އާ ޞަފްޙާއެއް ފެށުމުގެ އުންމީދުގައެވެ.
"މި ތަޖުރިބާތަކުން އަޅުގަނޑުގެ ލޯ ހުޅުވުނު،" ޝިފާޒް ހާމަކުމަކުރެއްވިއެވެ. "އެ ހިސާބުން ފެށިގެން، އަޅުގަނޑު އަޒުމް ކަނޑައެޅީ ދެވަނަ މީޑިއާ ކުންފުންޏެއް އުފައްދައިފިނަމަ، އެއްވެސް އިރެއްގައި ސިޔާސީ މަސްލަހަތުތަކާ ނުގުޅުވުމަށށް ، މިއީ ތީރު އުފެއްދުމުގެ އެއް އަސާސް "
ގޮންޖެހުންތަކާއެކު ތީރު ވުޖޫދަށް އައުން
އެ ދުވަސްވަރު، ޝިފާޒްގެ އަނބިކަނބަލުންގެ ކޮއްކޮ ޕްރޮގްރާމިންގ ދަސްކުރަމުން ގެންދިޔައީ ވަރަށް ބޮޑު ޝައުޤުވެރިކަމާ އެކުގައެވެ. މި ކަމުން ހިތްވަރު ލިބިގެން، ޝިފާޒް ނިންމެވީ އައު ގޮތްތަކާއި މިނިވަންކަމުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަޝްރޫޢެއް ފެށުމަށެވެ. އެކުގައި، އެ ދެ ބޭފުޅުން ތީރު އުފެއްދުމުގެ މަސައްކަތް ފެށްޓެވިއެވެ.
ނަމަވެސް، ތީރުގެ ފެށުން ފަސޭހައެއް ނޫނެވެ. ސްޕޮންސަރުން ނެތުމާއެކު، ޖަވިޔަނި ވިއްކައިގެން ލިބުނު ފައިސާ އާއި އިންސްޓޯލްމަންޓްތަކުން ތީރު ހިންގަމުން ދިޔައެވެ. ތީރު ބިނާކުރެވުނީ ކުރީގެ ތަޖުރިބާތަކުން ލިބުނު ފިލާވަޅުތަކުގެ މައްޗަށް ކަމަށް ބުނެވިދާނެއެވެ.
ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބުނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ތީރުގެ ފުރަތަމަ ސްޕޮންސަރަކަށް ވުމުންނެވެ. މިއީ ތީރުގެ ދަތުރުގައި މުހިންމު ބަދަލެއް ގެނައި ހާދިސާއެކެވެ. މަޑުމަޑުން، ބައެއް އަމިއްލަ ފަރާތްތަކުން ވެސް ކުދިކުދި ސްޕޮންސަރޝިޕްތައް ދިނުމަށް އިސްނަގަން ފެށިއެވެ.
ފެށުނީއްސުރެ، ތީރުގެ އަމާޒަކީ ސީދާ ސިޔާސީ މަޢުލޫމާތަށްވުރެ ލައިފްސްޓައިލް މަޖައްލާއެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. ނަމަވެސް، ޝިފާޒަށް އެނގިވަޑައިގަންނަވާ ގޮތުގައި ސިޔާސީ ކަންކަން ދިރިއުޅުމުގެ އެތައް ދާއިރާއަކާ ގުޅިފައިވެއެވެ. އެހެންކަމުން، ވަގުތު ފާއިތުވަމުން ދިޔަވަރަކަށް، ބައެއް ސިޔާސީ ޚަބަރުތައް ވަނީ ތީރުގެ ކޮންޓެންޓްގެ ތެރެއަށް ހިމަނާފައެވެ.
ތީރު މީޑިއާއަކީ ހަމައެކަނި އާންމު މީޑިއާ އައުޓްލެޓެއްގެ ގޮތުގައި ސިފަކުރެވޭ ޕްލެޓްފޯމެއް ނޫނެވެ. މި ޕްލެޓްފޯމްގެ އެންމެ އަސާސީ ބިންގަލަކީ އަމިއްލައަށް ތަރައްޤީކޮށްފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ.
ތީރުގެ އެޑްމިނިސްޓްރޭޓިވް ޕެނަލްގައި ހިމެނޭ އިންޓެލިޖެންޓް ސިސްޓަމަކީ ލިޔުންތެރިންގެ މުސާރަ އޮޓޮމެޓިކުން ޓްރެކްކުރާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން މުސާރަ ހިސާބުކުރުމުގައި އިންސާނީ ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވެއެވެ. މި އައު އީޖާދަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފާހަގަކުރެވޭ ވަރުގެ ޝަރަފު ލިބިފައިވެއެވެ.
2023 ވަނަ އަހަރު، ތީރުގެ ބެކެންޑް ސިސްޓަމް ފަރުމާކުރި މުހައްމަދު އައިމަން އަހުމަދު، މެލޭޝިއާގައި ބޭއްވުނު ދެވަނަ ސަސްޓެއިނަބަލް އިންނޮވޭޝަން އެންޑް ޓެކްނޮލޮޖީ އެގްޒިބިޝަންގައި ތިން ރަން މެޑެއް ހާސިލުކުރެއްވިއެވެ. އެއީ އެންމެ މޮޅު ތީސިސް، އެންމެ މޮޅު ޕޯސްޓަރ، އަދި އެންމެ މޮޅު ޕްރެޒެންޓޭޝަންގެ ދާއިރާތަކުންނެވެ.
މި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުން، ތީރުވަނީ ޓެކްނޮލޮޖީގެ އީޖާދުތަކަށް ބައިނަލްއަޤްވާމީ އެވޯޑު ލިބުނު ފުރަތަމަ އަމިއްލަ މީޑިއާ ކުންފުންޏަށް ވެފައެވެ.
މީގެ އިތުރުން، މި ޕްލެޓްފޯމްގައި ސްޕޮންސަރުންނަށް ޚާއްޞަކޮށްފައިވާ ޑައިނަމިކް ފީޗަރތައް ވެސް ހިމެނެއެވެ. މި ފީޗަރތަކުގެ ސަބަބުން އިޝްތިހާރުކުރުމާއި ޕާޓްނަރޝިޕްތަކުގައި ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމާއި ނަޒާހަތްތެރިކަން ކަށަވަރުކޮށްދެއެވެ. މި ޒަމާނީ އަދި ކުރިއަރާފައިވާ ވިސްނުމަކީ ތީރުގެ ތަފާތު އެއް ޚާއްޞަ ސިފައެވެ.
ޓެކްނޮލޮޖީގެ މުހިންމުކަން އޮތް ނަމަވެސް، ތީރުގެ ހަޤީޤީ ބާރަކީ އޭގެ އިންސާނީ ވަސީލަތްތަކެވެ . އެއީ އޭގެ ލިޔުންތެރިންނާއި، ނޫސްވެރިންނާއި، މަސައްކަތަށް ޚާއްޞަވެފައިވާ ޓީމުގެ މެންބަރުންނެވެ.ފެށުނީއްސުރެ، ތީރުން ވަނީ ކޮންމެ މަހެއްގެ 25 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު، އެއްވެސް ލަސްވުމެއްނެތި، މުވައްޒަފުންގެ މުސާރަ ދެމުން ގެންގޮސްފައެވެ. މުސާރަ ލަސްވުން އާންމު ކަމަކަށް ވެފައިވާ ދާއިރާއެއްގައި، މި ވަޢުދަކީ އިތުބާރުގެ ބިންގަލެކެވެ.
"އަޅުގަނޑުގެ ނޫސްވެރިކަމުގެ ދަތުރު ފެށުނީ 19 އަހަރު ކުރިން، އެންމެ ދަށް ފަންތީގެ މަޤާމެއްގައި މަހަކު އެންމެ 1500 ރުފިޔާގެ މުސާރައަކަށް،" ޝިފާޒް ވިދާޅުވިއެވެ.
އެ ތަޖުރިބާގެ ސަބަބުން، އަޅުގަނޑަށް އެންމެ ދަށް ފަންތީގައި މަސައްކަތްކުރާ މީހުންގެ ދަތިތައް ރަނގަޅަށް އެނގޭ، އެހެންކަމުން، ތީރުގައި އަޅުގަނޑުމެން ހަމައެކަނި ކުންފުނި ކުރިއެރުވުމަށް ނޫން، އަޅުގަނޑުމެންގެ މުވައްޒަފުން ކުރިއެރުވުމަށް ވެސް އިސްކަންދެން : މޫސާ ޝިފާޒް
ތީރުގެ ލިޔުންތެރިންނަށް ހަމައެކަނި ގަވާއިދުން ލިބެނީ މުސާރައެއް ނޫނެވެ. އެ ފަރާތްތަކަށް މުވައްޗަފުން ގެންނަ ސްޕޮންސަރޝިޕްގ އަކަށް އާމްދަނީން ކޮމިޝަން ލިބުމުގެ ފުރުޞަތު އޮވެއެވެ. އަދި ތީރު މީޑިއާގެ ވިޝަން އަކީ ސްޕޮންސަރޝިޕް ގެ ޒަރިއްޔާއިން މުވައްޒަފުންނަށް ކޮމިޝަންދެވޭ ގޮތަށް ނިޒާމް ބައްޓަންކުރުމެވެ .މިކަމުގެ ސަބަބުން، ޕްލެޓްފޯމް ކުރިއަރާއިރު، އޭގެ ބައިވެރިންނަށް ވެސް ސީދާ ފައިދާ ލިބެއެވެ. މިއީ ޕްލެޓްފޯމް ކާމިޔާބުވުމުން، އެންމެން ވެސް ކާމިޔާބުވާނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
މި މުހިންމު މަރުހަލާއަށް ވާސިލުވުމަކީ، ގޮންޖެހުންތަކާއި، ފިލާވަޅުތަކާއި، ފާހަގަކޮށްލެވޭ ކުރިއެރުންތަކުން ފުރިގެންވާ ދަތުރެކެވެ.
We had a great time celebrating Team Theeru's second anniversary at The Garden Restaurant. Thank you for the Excellent food served. Moreover, we appreciate Shauz Cake for the delicious cake. pic.twitter.com/FcXLO68EWj
— Theeru (@TheeruMedia) September 13, 2022
ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ތީރުން ބިނާކޮށްފައިވަނީ ހަމައެކަނި ޕްލެޓްފޯމެއް ނޫނެވެ. އޭގެ އިތުރުން ތީރަކީ ވަރުގަދަ ކޮމިއުނިޓީއެއް ވެސް މެއެވެ. ދިމާވި ކޮންމެ ހުރަހަކުން މުހިންމު ފިލާވަޅެއް ދަސްވިއެވެ. އަދި ކޮންމެ ކާމިޔާބީއެއް ވެސް ހުރިހާ މަސައްކަތެއް ކުރި ޓީމާއެކު ފާހަގަ ކުރެވުނެވެ.
މި ދަތުރަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ - އަޅުގަނޑުމެންގެ ލިޔުންތެރިންނަށާއި، ކިޔުންތެރިންނަށާއި، މަގު ފެންނަން ނެތް ދުވަސްވަރު ވެސް އަޅުގަނޑުމެންނަށް އިތުބާރުކުރި ހުރިހާ ބައިވެރިންނަށްވެސް މެއެވެ.
ތީރުމީޑިއާއަށް ގިނަދުވަހު ޚިދުމަތްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ
ތީރުއަކީ ހަމައެކަނި މަސައްކަތުގެ މާޙައުލެއް ނޫން. މިއީ ނޫސްވެރިކަމާއި އުފެއްދުންތެރިކަން އެއްކޮށްލައި، ކޮންމެ އަޑަކަށްވެސް އަހައްމިއްޔަތުކަން ދެވޭ ފަންނުވެރި މަރުކަޒެއް، ވޭތުވެދިޔަ އަހަރުތަކުގައި، އަޅުގަނޑަށް މިއަދު ހުރި މަގާމަށް އާދެވުމުގައި ތީރު މީޑިއާގެ ޙިއްސާ ވަރަށް ބޮޑު ، މި ޚާއްޞަ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމަކީ އަޅުގަނޑަށް ލިބޭ މަތިވެރި ޝަރަފަކާއި ފަޚުރެއް- އަމީންތާ ޔުމްނާ، އެސޯސިއޭޓް އެޑިޓަރ
ރާއްޖޭގައި ހިންގާ މީޑިއާގެ ތެރެއިން ތީރަކީ ވަރަށް ތަފާތު ސްޓައިލަކށް ހިންގާ މީޑިއާއެއް ، ހަމަ އެއާއެކު ތީރު މީޑިއާގެ މެނޭޖްމަންޓަކީ އަތި ވަކިން ތަފާތު މެނޭޖްމަންޓެއް ،މުޅިން އެހެން ލެވަލް އެއް– ބައްސާމް
ތީރު އޭގެ ހަވަނަ އަހަރަށް ދަތުރުފަށަމުން ދާއިރު، އަޅުގަނޑުމެންގެ ލަނޑުދަނޑިނޑިތައް ވަނީ ސާފުކޮށް ކަަނޑައެޅިފައެވެ: އެއީ އައު ގޮތްތައް ހޯދުމާއި އިޚްލާޞްތެރިކަމުގެ މައްޗަށް ބިނާވެފައިވާ، ޙަޤީޤަތާއި، އުފެއްދުންތެރިކަމާއި، ކުރިއެރުމުގެ ޕްލެޓްފޯމަކަށް ވުމެވެ.
އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަކީ ކުރެވިދާނެ ކަމެކެވެ. އަދި އިންސާނީ ވަސީލަތްތަކަކީ އެންމެ އަގުހުރި މުދާކަމުގައި ދެކިގެން، މީޑިއާ ދާއިރާގައި ކާމިޔާބު ހޯދުމަކީވެސް ޙަޤީޤަތުގައި ވެސް ކުރެވިދާނެ ކަމެކެވެ.
މި ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ އަގުހުރި ތަޖުރިބާތަކާއެކު، އަޅުގަނޑުމެން ކުރިއަށް މި ދަނީ އުއްމީދާއި، ވަރުގަދަ އަޒުމާއެކުގައެވެ. އަދި ތީރުގެ އެންމެ ފަހި ދުވަސްތައް އަދިވެސް ކުރިއަށް ހުރި ކަމުގެ ފުން ޔަޤީންކަމާއެކުގައެވެ.