އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހުސްވަގުތުތަކަކީ ލިބިދޭ ރަނގަޅު ފުރުސަތެކެވެ. ނަމަވެސް މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމުގެ ސަބަބުން ގިނަބަޔަކު ފޫހިވެ، ނުތަނަވަސްކަން އިހުސާސް ކުރެއެވެ. ވަގުތުގެ އަގު ދެނެގަނެ، އެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ.
ވަގުތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. މި ނިޢުމަތަކީ އަޅުގަނޑުމެންނަށް ހަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ. ޤިޔާމަތް ދުވަހު އަޅުގަނޑުމެންގެ އުމުރު ހޭދަކުރިގޮތާއި، ޚާއްސަކޮށް ހުސްވަގުތުތަކުގައި ކުރި ކަންތައްތަކާ ބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އެހެންކަމުން، މި އަމާނާތަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި މުހިންމު ކަމެކެވެ.
ވަގުތު ބޭކާރުކުރުމަކީ ބޮޑުވެގެންވާ ގެއްލުމެކެވެ. އެއީ ހަލާކެކެވެ. އެއީ އިސްރާފެކެވެ. ހުސްވަގުތަކާއި، ދުވަސްތައް އެއްވެސް ފައިދާހުރި ކަމެއްގައި ނޫޅެ ހޭދަކުރުމަކީ ފޫހިކަމާއި ނުތަނަވަސްކަން އިތުރުކުރާ ކަމެކެވެ. ގިނަ ފަހަރަށް ފޫހިވުން ކުރިމަތިވަނީ، ކުރާނެ ކަމެއް ނެތިގެންނެވެ. އަދުގެ މި ބިޒީ ދުނިޔޭގައިވެސް، ހުސްވަގުތުގައި ފޫހިކަން އިހުސާސްކުރާ މީހުން މަދެއް ނޫނެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުން ސަލާމަތްވުމަށްޓަކައި، އަބަދުވެސް ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން އާދަކުރަންވާނެއެވެ. ގެއްލިއްޖެ ވަގުތެއް، އެއީ އެއްމެ ފަޅި ސިކުންތެއް ކަމުގައި ވީނަމަވެސް، އެ ވަގުތެއް އަނބުރާ ލިބޭކަށް ނޯވެެއެވެ.
ހުސްވަގުތުތައް ބޭނުންކުރަން އެންމެ ރަނގަޅު ގޮތަކީ، ފައިދާހުރި ކަންތައްތަކުގައި އެ ވަގުތުތައް ހޭދަކުރުމެވެ. މިސާލަކަށް، ދީނީ ޢިލްމު އުނގެނުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ސުންނަތް ނަމާދުތައް ކުރުމަކީ މިފަދަ ވަގުތުތަކުގައި ކުރެވިދާނެ އަޅުކަންތަކެވެ. އަދި ދިރިއުޅުމުގެ އައު ހުނަރުތައް ދަސްކުރުމާއި، ފޮތް ކިޔުމާއި، ސިއްޙަތަށް ފައިދާހުރި ކަސްރަތުތައް ކުރުމާއި، ރަޙުމަތްތެރިންނާއި އާއިލާގެ މީހުންނާއެކު ގުޅުން ބަދަހިކުރުން ފަދަ ކަންކަމުގައިވެސް ހުސްވަގުތު ހޭދަކުރެވިދާނެއެވެ. މިއީ އެކަމުގެ ސަބަބުން ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަންކަމެވެ.
ކުރުގޮތަކަށް ދަންނަވާނަމަ، ވަގުތަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އެ ވަގުތުތައް ބޭކާރު ނުކޮށް، ފައިދާހުރި ކަންކަމުގައި ހޭދަކުރުމަކީ ފޫހިކަމުން ސަލާމަތްވެ، ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި މުހިންމު ކަމެކެވެ. އެހެންކަމުން، ހުސްވަގުތުތަކުގައި ފޫހިވެގެން ނޫޅި، އެ ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އަޅުގަނޑުމެން ސަމާލުކަންދޭންވާނެއެވެ.
