މާބަނޑު ދުވަސްވަރު ގިނަ އަންހެނުންނަށް ދިމާވާ އުނދަގޫ ކަމެއްކަމަށްވާ "މޯރނިން ސިކްނެސް" ނުވަތަ ހެނދުނު ހޮނޑުލުމަކީ، ނުތަނަވަސްކަމެއް ނޫނެވެ. ގިނަ ބަޔަކު މިކަމާ ކަންބޮޑުވީ ނަމަވެސް ހަގީގަތަކީ މިއީ އާދައިގެ، އާއްމު އަދި މާބނަޑުދުވަސްވަރު ވާންވެސް ޖެހޭނޭ ކަމެކެވެ. ބައެއް ފަހަރު މިކަމަކީ ހިތްހަމަނުޖެހުން އުފައްދާ، ނުތަނަވަސް ކަމެއް ކަމުގައި ދެކެވުނަސް، ޙަޤީޤަތުގައި މިކަމަކީ ބަނޑުގައިވާ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ޤުދުރަތީ ނިޒާމުގެ ތެރެއިން ބައްޓަންވެފައިވާ ބަޔޮލޮޖިކަލް ދިފާޢީ ނިޒާމެއްގެ ބައެކެވެ.

މާބަނޑު އަންހެނުންނަށް މޭނުބައިކުރުމާއި، ހޮޑުލެވުކުގެ އިހުސާސް ކުރެވުމަކީ، ހަމައެކަނި ދިމާވާ ކުއްލި ކަމެއް ނޫނެވެ. ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލިސް ގެ ދިރާސާވެރިން ވަނީ، މިކަމަކީ ދިފާޢީ ނިޒާމުގެ ރައްދުތަކާއި ގުޅިފައިވާ ކަމެއްކަން ހާމަކޮށްފައެވެ. އެބޭފުޅުންގެ ދިރާސާތަކުން ދައްކާ ގޮތުގައި، މޭނުބައިކުރުމާއި ހޮޑުލެވުމަކީ، މާބަނޑު ދުވަސްވަރު، މައިމީހާގެ ދިފާޢީ ނިޒާމު އޭގެ އެއްމެ ފުރިހަމަގޮތުގައި ހަރަކާތްތެރިވާ ކަމުގެ ނިޝާންތަކެކެވެ. މިގޮތުން، ބަނޑުގައިވާ ދަރިފުޅަށް ގެއްލުންދީފާނެ ކާނާގެ ބާވަތްތަކުން ނުވަތަ އެހެންވެސް ނުރައްކާތެރި މާއްދާތަކުން ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ހަށިގަނޑު ދޭ ސިގުނަލްތަކެކެވެ.

ވުމާއެކު، މޯރނިން ސިކްނެސްގެ ސަބަބުން ކުރިމަތިވާ މޭނުބައިކުރުމާއި ހޮނޑުލުން، އަދި ބައެއް އެއްޗެހި ކާހިތްނުވުން ފަދަ އަލާމާތްތަކަކީ ހަމައެކަނި ބަލިމަޑުކަމެއްގެ ނިޝާނެއް ނޫނެވެ. ބަދަލުގައި، މިކަންކަމަކީ މާބަނޑު އަންހެނާގެ ހަށިގަނޑު ދުޅަހެޔޮކޮށް މަސައްކަތްކުރާ ކަމުގެ، އަދި ބަނޑުގައިވާ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ތަފާތު ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަމުގެ ހެކިތަކެކެވެ. ވުމާއެކު، މާބަނޑު ދައުރުގައި މޯރނިން ސިކްނެސްގެ އުނދަގޫތައް ތަހައްމަލު ކުރާ އަންހެނުންނަށް މިކަމަކީ ބަނޑުގައިވާ ދަރިފުޅަށްޓަކައި ހަށިގަނޑު ދައްކާ ހެޔޮ ބަދަލެއް ކަމަށް ދެކި، ހިތްވަރު ލިބިގަތުމަކީ މުހިންމު ކަމެކެވެ.