ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ، އެ ކުންފުނީގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ބްލިސް މޯލްޑިވްސްއާ ގުޅިގެން ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ސްޓްރެސް ރަނގަޅަށް މެނޭޖްކުރުމަށް އެހީތެރިވުމެވެ.

ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، މި ވޯކްޝޮޕްގައި ކުންފުނީގެ 25 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ވޯކްޝޮޕްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި، ސްޓްރެސް ރަނގަޅަށް މެނޭޖްކުރުމުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

 

 

ބައިވެރިންނަށް ވަނީ ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ދީފައެވެ. އަދި މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަމާއި، އާންމު ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތްތަކާ މެދުވެސް ބައިވެރިން ހޭލުންތެރިކޮށްފައިވެއެވެ.

ސްޓެލްކޯއިން ފާހަގަކުރެއްވި ގޮތުގައި، މި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނަށް ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް އަމަލީ ގޮތުން ދަސްކޮށްދެވުނެވެ. މިފަދަ ވޯކްޝޮޕްތަކަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށް، މަސައްކަތުގެ މާޙައުލުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ސްޓެލްކޯއިން ޤަބޫލުކުރެއެވެ.

މީގެ އިތުރުން، ސްޓެލްކޯ އިން ވަނީ އިއްޔެ އެ ކުންފުނީގެ މުވައްޒަފުންނަށް ދުޅަހެޔޮ ޞިއްޙަތާ ގުޅޭ މައުލޫމާތުދިނުމަށްވެސް ވަކި ސެޝަނެއް ކުރިއަށްގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކުން މުވައްޒަފުންގެ ޞިއްޙީ ހާލަތު ރަނގަޅުކޮށް، މަސައްކަތުގެ ހިތްފަސޭހަ މާޙައުލެއް ބިނާކުރުމަށް އެހީތެރިވެދެއެވެ.