ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަންސް ޕްރޮވައިޑަރ ދިރާގުން، އެ ކުންފުނީގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ޢަދަދެއްގެ ޚާއްޞަ އޮފަރތަކެއް މިއަދު އިޢުލާންކޮށްފިއެވެ. މި އޮފަރތަކުގެ ތެރޭގައި ހިލޭ ޑޭޓާ އާއި، ތަޢުލީމީ ދާއިރާއަށް ޚާއްޞަ ޕްލޭންތަކާއި، އިންޓަރނެޓްގެ ސަލާމަތީ ޚިދުމަތްތައް ހިމެނެއެވެ.

މި އޮފަރތައް އިޢުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ޤައުމު ކުރިއެރުވުމުގައި ދިރާގުން ކުރަމުންދާ މަސައްކަތުގައި ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޙިއްޞާދާރުންގެ ދައުރު ބޮޑުކަމަށެވެ. އަދި އެ ފަރާތްތަކުގެ އެއްބާރުލުމާއި ނުލާ އެ ކާމިޔާބީ ހާސިލް ނުކުރެވޭނެކަން ފާހަގަކުރައްވައި، އަލީ ރިޔާޒު ވަނީ ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަލީ ރިޔާޒް އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ މި ދަތުރުގެ ބައިވެރިން ކަމުގައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. އަދި، މިއަދާހަމައަށް އަޅުގަނޑުމެން ހޯދައިފައިވާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަން."

މީގެ އިތުރުން ޑިޖިޓަލް މުސްތަގްބަލުގައި ކަސްޓަމަރުން ކުރި އެރުވުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށްވެސް އަލީ ރިޔާޒް ވިދާޅުވިއެވެ.

ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ ޚާއްޞަ އޮފަރތަކުގެ ތެރޭގައި މި ހިދުމަތްތައް ހިމެނެއެވެ:

37ޖީބީ ހިލޭ، 24 ގަޑިއިރަށް: ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕާޓްނަރުންގެ ފަރާތުން ޚާއްޞަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެއެވެ. މި ޕްލޭނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެއެވެ.


އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގު އެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.


ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.

ދިރާގުން ދަނީ 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދިރާގުން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް %100 މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، މި ހިދުމަތްވަނީ ރާއްޖޭގެ އާބާދީގެ %70އަށް ފުޅާކޮށްފައެވެ. އަދި، ދިރާގުން ވަނީ ރާއްޖޭގެ %100 މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބްރޮޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައެވެ. މި ހިދުމަތްތަކާއެކު، ދިރާގުން އަންނަނީ ރާއްޖޭގެ ކުރިއެރުވުމަށް އެލިގެން މަސައްކަތް ކުރަމުންނެވެ.