ދުނިޔޭގެ ބިމުގައި ތަފާތު އެތައް ވައްތަރެއްގެ ހަރުފަ އުޅެމުން ދެއެވެ. ވިހަގަދަ އެތައް ހަރުފައަކާއި އޭގެ ވިހައިގެ އަސަރު ކުޑަ ހަރުފައެވެ. އެގޮތުން ބްލެކް މަމްބާ ނަމަކަށް ކިޔާ މި ހަރުފައަކީ ފާހަގަކޮށްލެވޭ މަޝްހޫރު ހަރުފައެކެވެ. މި ހަރުފަގެ ވިހައިގައި ފޮރުވިފައިވާ ނުރައްކާތެރި ސިއްރު ސިފައެއް ސައިންޓިސްޓުން މިހާރު ވަނީ ހާމަކޮށްފައެވެ. މި ހޯދުމުގެ ސަބަބުން، ބްލެކް މަމްބާގެ ވިހައިގެ ސަބަބުން މެދުވެރިވާ މަރުތަކުގެ އަދަދު މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

ބްލެކް މަމްބާ އަކީ އެފްރިކާގެ ބައެއް ސަރަޙައްދުތަކުން ފެންނަ، ދުނިޔޭގެ އެންމެ ހަލުވިކޮށް ދުވާ ހަރުފައިގެ ވައްތަރަކަށް ވާއިރު، އެއީ އޭގެ ވިހައިގެ ނުރައްކާތެރިކަމަށްޓަކައި މަޝްހޫރު ހަރުފައެކެވެ. މި ހަރުފަ އަތް އަޅައިފިނަމަ ނުވަތަ އޭގެ ވިހައިގެ އަސަރުކޮށްފިނަމަ، އޭގެ ވިހަ ހަށިގަނޑަށް ވަނުމާއެކު އަވަހަށް މީހާ މަރުވުމަކީ ވެދާނެ ކަމެކެވެ. އާންމުކޮށް މި ހަރުފަގެ ވިހަ ހަށިގަނޑަށް ވަނުމާއެކު ނާރުތަކަށް ނުވަތަ ފުއްޕާމޭއަށް އަސަރުކޮށް، ނޭވާލުމަށް އުނދަގޫވެ، މީހާ މަރުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިފަދަ ހާލަތްތަކުގައި ބޭނުންކުރާ އެންޓި-ވެނަމް ބޭސްތަކަކީ ފުރާނަ ސަލާމަތްކުރާ މުހިންމު ބޭހެކެވެ. އެހެންނަމަވެސް މި ބާވަތުގެ ހަރުފައިގެ ވިހައަށް، ބައެއް ފަހަރު މި ބޭސްތައް ކާމިޔާބު ނުވާކަން ފާހަގަކުރެވިފައިވެއެވެ.

ސައިންޓިސްޓުން މިހާރު ވަނީ ބްލެކް މަމްބާގެ ވިހައިގައި ގިނަ ފަހަރު މި ބޭސްތައް ނާކާމިޔާބުވާ ސަބަބު ބަޔާންކޮށްދޭ ނުރައްކާތެރި ސިއްރު ސިފައެއް ހޯދާފައެވެ. މި ހޯދުމުން ދައްކާ ގޮތުގައި، މި ހަރުފައިގެ ވިހައިގައި ދެ ބަޔަކަށް ބެހިގެންވާ ގޮތަކަށް މަސައްކަތްކުރާ ކެމިކަލްތަކެއް ހުރެއެވެ. ފުރަތަމަ ބައިން ލޭހޮޅިތަކަށް އަސަރުކޮށް، ލޭ ގަނޑުވުން ނުވަތަ ލޭ ތަތްކުރުމަށް މަސައްކަތްކުރާއިރު، ދެވަނަ ބައިން ނޭވާލާނިޒާމުގެ ހޮޅިތަކަށް ނުވަތަ ފުއްޕާމޭއަށް އަސަރުކޮށް، ނޭވާލުމަށް އުނދަގޫވެ، ނޭވާ ހުއްޓުވާ، މީހާ މަރުވުމުގެ ފުރުސަތު ބޮޑުކުރެއެވެ. މި "ދެވަނަ ހަމަލާ" އަކީ އެންޓި - ވެނޮމް ބޭސްތަކުން މާބޮޑު އަސަރެއް ނުކުރާ ކަމެއް ކަމަށް ސައިންސުވެރިން ބުނެއެވެ. މި ބޭސްތަކަކީ ކުރު މުއްތަކަށް މަސައްކަތްކުރާ ބޭސްތަކެއް ކަމަށްވުމުން، ލޭގެ ހާލަތު އާއްމު ހާލަތުގައި ހިފަހައްޓައި ދިނަސް، ފަހުން މި ދިމައިވާ ނޭވާލާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން މި ބޭހަށް ލިބިގެނެއް ނުވެއެވެ. އެހެނީ އެހާލަށް އިންސާނާ ދާއިރު، ބޭހުގެ އަސަރު ފިލާ ގޮސްފައި ހުންނާތީއެވެ.

ބްލެކް މަމްބާގެ ވިހައިގެ މި ފޮރުވިފައިވާ ނުރައްކާތެރި ސިފަ ހޯދުނުކަމީ، މިފަދަ ހަރުފަ ވިހަލުމުން ކުރާ ފަރުވާއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ. މި ހޯދުމުގެ ސަބަބުން، ކުރިއަށް އޮތްތަނުގައި އިތުރަށް އެންޓި-ވެނަމް ތަރައްޤީކުރުމަށް މަގުފަހިވެ، ބްލެކް މަމްބާގެ ވިހައިގެ ސަބަބުން މެދުވެރިވާ މަރުތައް މަދުކުރުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވެއެވެ.

މިއީ ރާއްޖޭގެ މާހައުލުން ފެންނަ ހަރުފައެއް ނޫން ނަމަވެސް ރާއްޖެއިންވެސް ހަރުފަ ފެންނަމުންދާ ކަމީ ހަގީގަތެކެވެ. ކޮންމެވެސް ގޮތަކުން އެސޮރުމެން ރާއްޖެއަށް އެތެރެވެ މި ފަސްގަނޑުގައިވެސް އުޅުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ނަންނުގައްޗާއި ހަރުފައަކީ އަދި މުޅިން ދެ އެއްޗެކެވެ. އެހެން ލިޔުމެއްގައި މިކަމަށް އަލިއަޅުވާލާނަމެވެ.