ބަލިމީހުންނަށް ދެވޭ ބޭސްސިޓީ (ޕްރެސްކްރިޕްޝަން) ސާފުކޮށް، ކިޔަން ފަސޭހަވާނެހެން ލިޔުމަށް އިންޑިއާގެ ޕަންޖާބު އަދި ހަރިޔާނާ ހައި ކޯޓުން ޑޮކްޓަރުންނަށް ވަރުގަދަ އަމުރެއް ނެރެފިއެވެ. ކޯޓުން ބުނެފައިވަނީ، ސާފުނޫން ބޭސްސިޓީތަކުގެ ސަބަބުން ވަރަށް ސީރިއަސް ނަތީޖާތަކާ ކުރިމަތިލާން ޖެހި، ބައެއް ފަހަރު ބަލިމީހުންގެ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމަށެވެ.

މި އަމުރު ނެރެފައިވަނީ، މަކަރާއި ޖިންސީގޯނާގެ އަމަލުތަކާ ގުޅުންހުރި މައްސަލައެއްގެ ސަބަބުންނެވެ. މި މައްސަލައިގައި ދައުލަތުގެ ޑޮކްޓަރަކު ލިޔެފައިވާ މެޑިކޯ-ލީގަލް ރިޕޯޓެއް އެއްވެސް އެއްޗެއް ކިޔަން ނޭނގޭ ވަރަށް ސާފުނުވާ ކަމަށް ޖަސްޓިސް ޖަސްގުރްޕްރީތު ސިންގް ޕޫރީ ފާހަގަކުރެއްވިއެވެ. "އެއްވެސް ލަފުޒެއް ނުވަތަ އަކުރެއްވެސް ކިޔަން ނޭނގޭ،" ޖަސްޓިސް ޕޫރީ ވިދާޅުވަމުން، ސާފުނޫން މެޑިކަލް ލިޔުންތަކުގެ ނުރައްކާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ކޯޓުން ވަނީ، މެޑިކަލް ކޮލެޖްތަކުގެ ކަރިކިއުލަމްގައި އަތުލިޔުމުގެ ފިލާވަޅުތައް ހިމެނުމަށް ސަރުކާރަށް އިރުޝާދުދީފައެވެ. އަދި، ޑިޖިޓަލް ބޭސްސިޓީ ނިޒާމެއް ގާއިމުކުރުމަށް ދެ އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ. މި ނިޒާމު ގާއިމުވަންދެން، ހުރިހާ ޑޮކްޓަރުންވެސް ބޭސްސިޓީ ލިޔަން ޖެހޭނީ ކެޕިޓަލް އަކުރުން ކަމަށް ކޯޓުން އަންގާފައިވެއެވެ.

330,000 އަށްވުރެ ގިނަ ޑޮކްޓަރުން ތަމްސީލުކުރާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ވަނީ ކޯޓުގެ މި އަމުރަށް އެއްބާރުލުން ދިނުމަށް ތައްޔާރުކަން އަންގާފައެވެ. ސިޓީ ސަރަހައްދުތަކުގައި ޑިޖިޓަލް ބޭސްސިޓީގެ ބޭނުންކުރުން އާންމުވަމުން އަންނައިރުވެސް، ގިނަ އަވަށްތަކާއި ކުދި އަވަށްތަކުން ޑޮކްޓަރުން އަދިވެސް ބޭނުންކުރަނީ އަތުން ލިޔާ ބޭސްސިޓީއެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، މި މައްސަލައަކީ ހަމައެކަނި ރީތި ނޫންކަމެއް ގެ އިތުރުން އަތުލިޔުން ގޯސްވުމުގެ ސަބަބުން ބޮޑެތި މެޑިކަލް ގޯސްތަކެއް ހެދުމުގެ ފުރުސަތު ބޮޑުކަމެކެވެ.

ފާމަސިސްޓުންގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އަދިވެސް ސާފުނޫން ބޭސްސިޓީތައް ފާމަސީތަކަށް ލިބެމުންދެއެވެ. ބައެއް ފަހަރު މިކަމުގެ ސަބަބުން ރަނގަޅު ބޭސް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އިންޑިއާގައި ކުރިންވެސް ހިނގާފައިވާ ބައެއް މައްސަލަތަކުން ދައްކާ ގޮތުގައި، ބޭސްސިޓީ ކިޔަން ދަތިވުމުގެ ސަބަބުން ބޮޑެތި ސިއްހީ މައްސަލަތަކާއި ފުރާނައަށް ނުރައްކާވުންވެސް ހިމެނެއެވެ. މިސާލަކަށް، ނޮއިޑާގެ ކުޑަ ކުއްޖެއް މަރުވީ، ބޭސްސިޓީއާ ގުޅިގެން ހެދުނު ގޯހެއްގެ ސަބަބުން ގޯސް އިންޖެކްޝަނެއް ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ އެތައް އަހަރުތަކެއް ކުރިންވެސް މި މައްސަލަ ފާހަގަކޮށްފައިވެއެވެ. އޮޑިޝާ އަދި އަލަހާބާދު ކޯޓުތަކުން ވަނީ ޑޮކްޓަރުންގެ "ޒިގްޒެގް" އަދި ކިޔަން ނޭނގޭ ލިޔުންތައް ފާހަގަކޮށްފައެވެ. މީގެ އިތުރުން، 2016 ވަނަ އަހަރު މެޑިކަލް ކައުންސިލް އޮފް އިންޑިއާ (އެމްސީއައި) އިން ވަނީ ޑޮކްޓަރުން ބޭސްތަކުގެ ނަންތައް ކިޔަން ފަސޭހަވާނެހެން، އަކުރު ވަކިކުރެވޭ ގޮތަށް ކެޕިޓަލް އަކުރުން ލިޔުމަށް އަންގާފައެވެ.