ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އުޅަނދުތަކަށް އިސްރާއީލުގެ ސިފައިން އަރައި، ބޯޓުތަކުގައި ތިބި މީހުން ހައްޔަރުކޮށްގެން އިސްރާއީލަށް ގެންދަން ފަށައިފިއެވެ. މި ދަތުރުގައި ދިވެއްސަކު ވެސް ބައިވެރިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރޭގެ އިރާކޮޅުގެ ވަގުތެއްގައި، "ގްލޯބަލް ސުމޫދު ފްލޮޓީލާ" ގެ 40 އަށް ވުރެ ގިނަ އުޅަނދު، އިސްރާއީލުން ޣައްޒާ ކައިރީގައި ކަނޑައަޅާފައިވާ "ރެޑް ޒޯން" އާ އަރާ ހަމަވިއެވެ. އެއާއެކު، އިސްރާއީލް ސިފައިން ވަނީ އެ އުޅަނދުތައް ހުއްޓުވުމަށްޓަކައި މިލިޓަރީ މަނަވަރުތަކުން ބެރިކޭޑެއް ހަދާފައެވެ. އަދި، އެ ބޯޓުތައް އޭރު ވަންނަމުން ދިޔައީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަކަށް ކަމަށާއި، ވަގުތުން ދަތުރުގެ މިސްރާބު ބަދަލުކުރުމަށް ވަނީ އިންޒާރުދީފައެވެ.

އޭގެ ފަހުން ވެސް ބޯޓުތައް އަނބުރާނުލުމުން، ފްލޮޓީލާގެ އުޅަނދުތަކަށް ހުރަސްއަޅައި، ފެން ޖެހުން ފަދަ ކަންކަން ކުރުމަށް ފަހު، އިސްރާއީލު ސިފައިން ވަނީ ބޯޓުތަކަށް އަރައި، ސިފައިންގެ ބެލުމުގެ ދަށަށް އުޅަނދުތަކާއި އެ އުޅަނދުތަކުގައި ތިބި މީހުން ވެސް ގެންދަން ފަށާފައެވެ. ފްލޮޓިލާގެ ބޯޓުތައް ހުއްޓުވާފައިވާކަން އެންގުމަށް، އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ސްވިޑެންގެ މަޝްހޫރު ތިމާވެށީގެ އެކްޓިވިސްޓު، ގްރެޓާ ތަންބާގް ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.

ފްލޮޓިލާގެ އުޅަނދުތަކުގައި ޣައްޒާއަށް ގެންދިއުމަށް މަސައްކަތްކުރާ އެހީއަކީ ނިސްބަތުން މަދު އަދަދެއް ނަމަވެސް، މި އެކްޓިވިސްޓުންގެ ބޭނުމަކީ އިޒްރޭލުން ކަނޑުމަގުން ވެސް ޣައްޒާ ބަންދުކޮށްފައި އޮންނަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށްކަން ދުނިޔެއަށް އަންގައިދިނުމާ އެކު، އެ ހިސާރު ނިމުމަކަށް ގެނައުމެވެ. ނަމަވެސް، ފްލޮޓިލާގެ ރަމްޒީ އުޅަނދުތަކަށް ހުރަސްއަޅައި އިސްރާއީލުން ބުނަމުންދަނީ "ހަމާސްއާ ހަނގުރާމަކުރާއިރު" ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައި ބޭއްވުން ޤާނޫނީ ގޮތުން ހުއްދަ ކަމަށާއި، އެ ސަރަޙައްދު ހުރަސްކޮށް ވަންނަން އުޅޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ.