އިނގިރޭސިވިލާތުގެ ސްޓްރެޓްފޯޑް އަޕޯން އެވޮންގެ ރަށްވެހިންނާއި ޓޫރިސްޓުންނަށް 9 މަސް ދުވަހު ދުއްތުރާކުރި ކަޅުކުލައިގެ ސްވޯނެއްކަމަށްވާ ، 'ރެޖީ' ވަނީ އެރަށުން ބޭރުކޮށްފައެވެ. 'މިސްޓަރ ޓާމިނޭޓަރ' ގެ ނަމުން މަޝްހޫރުވެފައިވާ މި ސްވޯން، މިދިޔަ އަންގާރަ ދުވަހު (ސެޕްޓެމްބަރު 30) ހިފާފައިވަނީ އެރަށުގެ ސްވޯން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ސައިރިލް ބެނިސްއެވެ. މިހާރު މި ދޫނި ބަހައްޓާފައިވަނީ ރަށެއްގެ ޕާކެއްގައި ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑެވޮންގައި ހުންނަ ޑޯލިޝް ވޯޓަރފައުލް ސެންޓަރަށް ބަދަލުކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ މި ސްވޯން، އިނގިރޭސިވިލާތުގެ ކޯރުތަކަށް އާދަވެފައިވާ ދޫންޏެއް ނޫން ނަމަވެސް، ރެޖީ ސްޓްރެޓްފޯޑް އަޕޯން އެވޮންއަށް އައީ މިދިޔަ އަހަރުއެވެ. އޭގެ ފާހަގަކޮށްލެވޭ ކަޅު ކުލައާއި ރީތިކަމުގެ ސަބަބުން، ވަރަށް އަވަހަށް ރަށްވެހިންގެ މެދުގައި މަގުބޫލުވިއެވެ. 'ދި އިންޑިޕެންޑެންޓް' ނޫހުގައިވާ ރިޕޯޓެއްގައި ބެނިސް ބުނި ގޮތުގައި، "ނޭނގޭ ސަބަބުތަކަކާ ހެދި، މި ދޫނި ، އަހަރެން މި ދޫންޏަށް ކިޔާ ނަމުންނަމަ ، މިސްޓަރ ޓާމިނޭޓަރ ، މިއީ ހިތްގައިމު ތަނެއް ކަމަށް ނިންމީ. އެހެންކަމުން، ފިނި މޫސުމުގައި މި ދޫނި ފެނުމަކީ ވަރަށް އުފާވެރި ކަމެއް." އޭނާ އިތުރަށް ބުނީ، މި ދޫންޏަށް ރަށު ތެރޭގައި މަގުބޫލުކަން ލިބުމުން، އޮސްޓްރޭލިއާއަށް ނިސްބަތްވާ މި ދޫނި ބަލަން އެތައް ބަޔަކު ސްޓްރެޓްފޯޑްއަށް އަންނަން ފެށި ކަމަށެވެ.

"އެއް ގޮތަކުން މިއީ ވަރަށް ރަނގަޅު ކަމެއް. އަނެއް ގޮތަކުން ބަލާއިރު ބައެއް ކަހަލަ ނުތަނަވަސްކަމެއް އުފެދުނު، ސަބަބަކީ އަޅުގަނޑުމެން ބޭނުން ނުވޭ މި ދޫނި މިތާގައި ވަޒަންވެރިވެ، އަޅުގަނޑުމެންގެ 'މިއުޓް ސްވާން' ތަކާ އެހާ ގާތް ގުޅުމެއް ބަހައްޓަން." ބެނިސް ކިޔައިދިނެވެ. ސްޓްރެޓްފޯޑް އަޕޯން އެވޮން އަކީ އެސް-ފައްޗެއްގެ ބައްޓަމަށް ހުންނަ ކަރަކާއި އޮރެންޖު ކުލައިގެ ތުންގަނޑުތަކަށް މަޝްހޫރު 60 އެއްހާ 'މިއުޓް ސްވާން' ގެ ބާގަނޑަކަށް ގޮވަތީގެ ގޮތުގައި ވެފައިވާ ރަށެކެވެ. ނަމަވެސް، ރެޖީއަށް މި 'މިއުޓް ސްވާން' ތަކަށް އެކުވެރިކަމެއް ނުދެވުނު ކަމަށާއި، ބައެއް ސްވޯންތަކުގެ ގައިގަ ފެނުގައި ތަޅާ މަރަންވެސް މަސައްކަތްކުރި ކަމަށެވެ. މީގެ އިތުރުން ކޯރުގައި ހާލި ހަދާފައިވާ ސްވޯންތަކަށްވެސް އޭނާ ވަނީ ދުއްތުރާކޮށްފައެވެ.

ބެނިސް ބުނީ، "މިސްޓަރ ޓާމިނޭޓަރ ގެ ނުބައިކަން އެންމެ ބޮޑަށް ފެނުނީ އޭނާ ކުޑަ ސްވޯންއަކާއެކު އުޅުނު އެމީހުންގެ ދެ ސްވޯނެއްގެ ތެރެއަށް ވަދެގަތުމުން. އޭގެ ފަހުން ކަންތައްތައް ވަރަށް ނުބައިކޮށް ބަދަލުވީ. އޭނާ ފިރިހެން ސްވީން އާއި ކުޑަ ސްވޯން ބޭރުކޮށްލާފައި، އަނެއް އަންހެން ސްވޯންގެ ސަރަހައްދު އަތުލަން މަސައްކަތްކުރީ."

ދިގު މަޝްވަރާތަކަށް ފަހު، ރެޖީ ރަށުން ބޭރުކުރުމަށް ވަނީ ނިންމާފައެވެ. ބެނިސް ބުނީ ކަޅު ސްވޯން ހިފުމުގެ މަސައްކަތް ފަސޭހަ ނުވި ނަމަވެސް، އޭނާ އަށް އެ ދޫނި ހަމަޖައްސާލާފައި ހިފާ، ބަހައްޓާފައިވާ ތަނަކަށް ލެވުނު ކަމަށެވެ. ބެނިސް އިތުރަށް ބުނީ، އޭނާގެ މޭގައި އަދިވެސް ތަންކޮޅެއް ރިހުން ހުރި ކަމަށާއި، ނަމަވެސް މިހާރު 'މިއުޓް ސްވާން' ތައް ކޯރުތަކުގައި ހަމަޖެހިލާފައި އުޅެމުންދާ ކަމަށެވެ.