މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުންކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ބްރޯޑްކާސްޓިންގ ދުވަހުގެ ތަހުނިޔާ މި ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ޚިދުމަތެއްކަމަށެވެ. ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުމާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑަށް ބާރުއަޅުއްވާފައެވެ.

 

 

ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ މީގެ 63 އަހަރު ކުރިން، 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ރޭޑިއޯގެ ޚިދުމަތާއެކުގައެވެ. ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު، ޓީވީ މޯލްޑިވްސްގެ ޚިދުމަތާއެކުގައެވެ. މި ދެ ޚިދުމަތަކީވެސް ސަރުކާރުން ފޯރުކޮށްދެމުންދިޔަ ޚިދުމަތެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތްއޮތުން ނިމުމަކަށްގެނެސް މި ސިނާޢަތުގައި ހަރަކާތްތެރިވުމަށް އަމިއްލަ ފަރާތްތަކަށް ރާއްޖޭގައި ހުޅުވާލީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

ޤައުމީ ފެންވަރެއްގައި ބްރޯޑްކާސްޓިންގ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.