ކުރިއަށް އޮތް ހަފުތާގައި އިތުރު ދިހަހާސް ކިޓް ލިބޭނެ ކަމަށާއި އެހެންކަމުން އެއްވެސް މަޑުޖެހުމެއްނެތި ޓެސްޓުކުރުން ކުރިއަށް ގެންދެވޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ އެކި ވައްތަރުގެ ކިޓުން ޓެސްޓުހެދޭނީ އެކި ޢަދަދަށް ކަމަށެވެ. އަދި ކޮންމެ ކިޓަކީ އެންމެ ޓެސްޓެއް ނޫން ކަމަށެވެ.
ރާއްޖޭގައި މިހާރުހުރި ކިޓްތަކުން ކުރިއަށް އޮތް 2 ހަފުތާގައި ބޭނުން ކުރެވޭނެ ކަމަށާއި މިހާރު ބޭނުންކުރާ ކޮންމެ ކިޓަކުން ގާތްގަޑަކަށް 200 ޓެސްޓު ހެދޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް ލިބެން ނޯންނަ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މިބަލި އަންނަނީ ދުނިޔޭގެ ހުރިހާ ގައުމެއްގަ ހަލުވިކަމާއެކު ފެތުރެމުން. އަޅުގަނޑުމެންވެސް ބޭނުން ވީހާވެސް ގިނައިން ގެންނަން. އެކަމަކު ކޮވިޑަށް ބޭނުންކުރާ ހުރިހާ އެއްޗަކީ ވަރަށް ލިމިޓެޑް އެއްޗެހި." ޑރ. ނަޒްލާ ވިދާޅުވިއެވެ.
