ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އޭންޖާސް އަތުން 2-1 އިން ހޯދީ މޮޅާއެކު ލިއްލެ އިން އެ މުބާރާތުގެ ޗެމްޕިއަންކަން 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މިއީ އެ ކްލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 1946 އާއި 1954 އަދި 2011 ވަނަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ލިއްލެ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިއްލެ އަށް 83 ޕޮއިންޓް ލިބުނުއިރު ޕީއެސްޖީ އޮތީ އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިންވަނައިގައި އޮތް މޮނާކޯ އަށް 78 ޕޮއިންޓް ލިބިފައިވާއިރު އޮލިމްޕިކް ލިޔޯން އޮތީ 76 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އޭންޖާސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ލިއްލެ އިން ލީޑްނެގީ ޖޮނަތަން ޑޭވިޑް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ތަނަވަސްކުރި ފުރުޞަތަކުން ޑޭވިޑް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލިއްލެގެ ލީޑް ފުޅާކޮށްދިނީ މި ފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ތުރުކީގެ ތަޖުރިބާކާރު ފޯވާޑް ބުރަކް ޔިލްމާޒް އެވެ. މިއީ ލިއްލެގެ ޒުވާން ފޯވާޑް ޑޭވިޑަށް އޭންޖާސްގެ ކީޕަރު ޕޯލް ބާނަޑޯނީ ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރޭގެ މެޗަށް ނިކުތްއިރު ލިއްލެގެ ކެޕްޓަން އަދި ޕޯޗުގަލްގެ ޑިފެންޑަރު ހޯސޭ ފޮންޓޭ ސަސްޕެންޝަނުގައި ހުރިއިރު އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި އޭންޖާސް އަށް ކާމިޔާބުވީ މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގައި އެންޖެލޯ ފުލްޔީނީ ކާމިޔާބުކުރި ގޯލުންނެވެ.

މި މުބާރާތުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދޭން ލިބުނު ފުރުޞަތުގައި ބްރެޒިލް ތަރި ނޭމާ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވޭގޮތްނުވިނަމަވެސް ފުރަތަމަ ހާފު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް ބްރެސްޓްގެ ރޮމެއިން ފާވްރޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުން އެ ޓީމުން ވަނީ ލީޑްނަގާފައެވެ. ޕީއެސްޖީން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިހާރު އުމުރުން 22 އަހަރުގެ އެމްބާޕޭ ލީގުގައި ކުޅުނު 31 މެޗުގައި ޖެހި 27 ވަނަ ގޯލެވެ. އޭނާ ވަނީ މި ފަހަރުގެ ސީޒަނުގައި ކުޅުނު 47 މެޗުގައި 42 ލަނޑުޖަހާފައެވެ.