އަރިއަތޮޅު ދެކުނުބުރީ މާމިގިލީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މާމިގިލީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި އެރަށު ކައުންސިލްގެ ރައީސެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން މަސައްކަތްކުރަމުންދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

"މާމިގިލީގައި އައު ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތާއެކު، އަޅުގަނޑުމެން މި ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުން." މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިން ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާޢި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ފަށާފައިވާ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ. މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މާމިގިލީގައި އައު އިސްލާމިކް ބްރާންޗެއް ގާއިމުކުރުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކިންގ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.


މި ބްރާންޗް ގާއިމުކުރުމުން، އަރިއަތޮޅު ދެކުނުބުރީގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައި، ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. އަދި މި ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.


ބޭންކް އޮފް މޯލްޑިވްސްގެ މި ފިޔަވަޅަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޒަމާނީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ކުޑަވެ، އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.