ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ގަލްފް އެއަރއަށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ކަން ފާހަގަކުރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން، އަބްދުﷲ ގިޔާސްއެވެ.
ރަސްމިއްޔާތުގައި ގަލްފް އެއާގެ އެއަރޕޯޓް މެނޭޖަރު މުޙައްމަދު އަރުޝަދު މުޙައްމަދު ނަވާސް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، އަދި އެމްއޭސީއެލް އާއި ގަލްފް އެއާގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ގަލްފް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދެވުނެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ގަލްފް އެއަރގެ ފުރަތަމަ މަތިންދާބޯޓަށް މަރުޙަބާ ކިއުމުގެ ގޮތުން ޚާއްސަ ވޯޓަރ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔުނެވެ.
ގަލްފް އެއަރއަކީ ބަޙްރެއިންގެ ޤައުމީ އެއަރލައިނެވެ. އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019 ގައެވެ. ގަލްފް އެއަރއިން ބަޙްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވައެވެ.
ގަލްފް އެއާއަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 9 ވަނަ އެއަރލައިނެވެ. އަދި ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި މެދުއިރުމަތީގެ ދެވަނަ އެއަރލައިނެވެ.
ޓާމިނަލް 1 އިން މިހާރު ޚިދުމަތް ދޭ އެއަރލައިންތަކަކީ މޯލްޑިވިއަން، އެއަރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއަރލައިންސް، ބަޓިކް އެއާ، ބެންކޮކް އެއަރވޭސް އަދި އިންޑިގޯއެވެ.