އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުތަކަށް ފަހު ގަދަ ދެ ބާރުން ކަމަށްވާ ޔުވެންޓަސް އާއި އޭސީ މިލާނުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ބޮލޯނިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުން 4-1 އިން ޔުވެންޓަސް މޮޅުވިއިރު މިލާނުން ވަނީ ރަށުން ބޭރުގައި 2-0 އިން އެޓަލާންޓާ ބަލިކޮށްފައެވެ. މި ފަހަރުގެ ސީޒަނުގެ ޗެމްޕިއަން އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
މިލާނުން އަށް އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުން ފުރުޞަތު ހޯދީ ލީގުގެ ދެވަނައިގައި ގޮތުގައެވެ. އެ ޓީމަށް 79 ޕޮއިންޓް ލިބިފައިވާއިރު އެންމެ ކުރީގައި އޮތް އިންޓަ އަށް ލިބިފައިވަނީ 91 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަށް ވެސް 78 ޕޮއިންޓް ލިބިފައިވާއިރު އެޓަލާންޓާ އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތްއިރު ގަދަ ހަތަރެއްގެ ފުރުޞަތު ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައިވާއިރު އެ ޓީމަށް އެ މަގު ތަނަވަސްވީ ކުރިން ގަދަ ހަތަރެއްގައި އޮތް ނަޕޯލީ ރޭ ކުޅުނު މެޗުގައި 1-1 އިން ހެލަސް ވެރޯނާއާ އެއްވަރުވުމުންނެވެ.
ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މެޗުގެ ކުރީން އޮތް ފަހުގެ ފަރިތަކުރުންތަކުގައި ދިމާވީ ފިޓްނަސް މައްސަލައެއްގެ ސަބަބުން އޭނާއާ ނުލައެވެ. ރޭގެ މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑުޖެހީ ފުރަތަމަ ހާފުގައެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި ފެޑެރީކޯ ޗިއޭސާ ޖެހި ގޯލުން އެ ޓީމު ލީޑްނެގިއިރު، 29 ވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ފްރާންސްގެ އެޑްރިއެން ރަބިއޯ ވައްދާލި ލަނޑާއެކު ޔުވެންޓަސް އިން މި ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ. ފަހު ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި މޮރާޓާ ވަނީ ޔުވެންޓަސްގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މި މެޗުގައި ބޮލޯނިއާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރިކާޑޯ އޮރްސޮލީނީ އެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިލާނުން ކާމިޔާބުކުރި ދެލަނޑަކީ ވެސް ޕެނަލްޓީން އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ކާމިޔާބުކުރި ދެ ގޯލެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް މިލާންގެ ފުރަތަމަ ލަނޑު ކެސިއޭ ޖަހައިދިނީ އެ ޓީމުގެ ފުލްބެކް ތެއޯ ހެނާންޑޭޒަށް އެޓަލާންޓާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.
މި މެޗުގައި މިލާނުން ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ އިތުރުވަގުތުގައި ކެސިއޭ ކާމިޔާބުކުރީ ވެސް ޕެނަލްޓީއަކުންނެވެ. މިއީ އެ ޓީމުގެ ތުރުކީ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ ފޮނުވާލި ބޯޅައެއްގައި ޕެނަލްޓީއޭރިޔާތެރެއިން އެޓަލާންޓާގެ ރޮބިން ގޮސެންސް އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީގެ މި ނިންމުމާ މެދު އެޓަލާންޓާގެ ކުޅުންތެރިން ދެކޮޅުހެދިއިރު ރެފްރީ ވަނީ އެ ޓީމުގެ މާޓިން ޑެ ރޫން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރި އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ބަދަލުތަކާއެކު ނިކުމެ އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ރޭގެ މެޗުގައި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ 8 ވަނަ މިނެޓުގައި އޭޝްލީ ޔަންގްގެ ލަނޑުން ލީޑްނެގިއިރު ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ރޭގެ މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލޮޓާރޯ މާޓިނޭޒް އެވެ. އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އިވާން ޕެރިސިޗާއި، 71 ވަނަ މިނެޓުގައި ބެލްޖިއަމްގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫގެ ގޯލުން އިންޓަ ވަނީ 5-0ގެ ތަފާތު ބޮޑު ލީޑެއްނަގާފައެވެ. މި މެޗުގައި އުދިނޭޒީން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިލަނޑުޖަހައިދިނީ ރޮބާޓޯ ޕެރޭރާ އެވެ.
މި މުބާރާތުގައި ރޭ ނަޕޯލީގެ ދަނޑުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ނަޕޯލީ އަށް މިލަނޑުޖަހައިދިނީ އާމިރް ރަހުމާނީ އެވެ. އެކަމަކު އޭގެ ނުވަ މިނެޓުފަހުން ވެރޯނާގެ ޑެވިޑޭ ފަރައޯނީ ޖެހި ގޯލާއެކު ނަޕޯލީން ޗެމްޕިއަންސް ލީގުގައި ކުޅުމަށް ދެކެމުންއައި އުއްމީދުތައް ފުނޑުފުނޑުކޮށްލާފައެވެ.
