އދ. މަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމުގެ މަގުފަހިކުރުމުގެ ގޮތުން، 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން އެޅޭ އާ އިމާރާތް 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ބޭނުންކުރެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީޅް ޝަފީޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަންދޫ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ދަށުން މަންދޫ ސްކޫލުގައި ތިން ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ހިމެނޭނެއެވެ.
މި މަޝްރޫޢަށް ޖުމްލަ 16.95 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަސައްކަތް ނިންމާ 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ބޭނުންކުރެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
