މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް އިސްލާމީ ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ. ވަޒީރު މިކަމަށް ގޮވާލެއްވީ އުރުދުންގެ ވެރިރަށް އައްމާންގައި މިމަހުގެ 7 އިން 9 އަށް ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޞިއްޙީ ވަޒީރުންގެ 8 ވަނަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އޯއައިސީގެ މެމްބަރު ޤައުމުތަކުގެ އިސްވެރިންނާއި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެން، ޞިއްޙަތާ ގުޅުންހުރި މުހިންމު ކަންކަން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމްވަނީ، ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ކުރިއެރުންތަކަކީ ވަރަށް ގިނަ ބަޔަކު ގިނަ ދުވަހު ކޮށްފައިވާ ބުރަ މަސައްކަތްކަމުގައި ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މިހާރުގެ ރަޢީސުލްޖުމްހޫރިއްޔާ ޞިއްޙީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައަށް އަލިއަޅުއްވާލައްވަމުން ޞިއްޙީ ވަޒީރު ވަނީ މި ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް އިސްލާމީ ޤައުމުތައް ގުޅިގެން، ހުރިހާ ޤައުމަކުން އެކުގައި މަސައްކަތްކުރުމަށް އަޑުއުފުއްލަވާފައެވެ. މި ހަނގުރާމަ އިންސާނިއްޔަތަށް ކުރިމަތިކުރުވަމުންދާ ގެއްލުންތަކުގެ މައްޗަށް ވަޒީރު ވަނީ ވަކިވަކީން ބައްލަވާލައްވާފައެވެ.
އޯއައިސީގެ ޞިއްޙީ ވަޒީރުންގެ 8 ވަނަ ބައްދަލުވުމަކީ، އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަނެ، އޯއައިސީގެ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ މިންވަރު ބަލައި، ކުރިއަށް އޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްރޮގްރާމް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.
އޯއައިސީގެ ޞިއްޙީ ވަޒީރުންގެ ބައްދަލުވުން އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައެވެ.
