ރާއްޖޭގެ ކަރަންޓުގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން، ވ. ފުލިދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި މަސައްކަތުގެ ތެރެއިން، 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ވަނީ ފުލިދޫއަށް ގެންގޮސް، މިހާރު ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައެވެ. މި މައުލޫމާތު ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އެކްސް އެކައުންޓް މެދުވެރިކޮށް އާއްމުކޮށްފައެވެ.
ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، މި އިތުރު ޖަނަރޭޓަރު ސެޓާއެކު، ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ސްޓެލްކޯއިން ކުރިއަށް ގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމަށް މި ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވ.ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންދެވި މިހާރު ވަނީ ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައި. މިއާއިއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުކުރެވި،… pic.twitter.com/vaNDIjPksN
— STELCO (@STELCOMALDIVES) October 9, 2025
ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވާތީ، އެއްވެސް ދަތިކަމެއް ނެތި ފުލިދޫގެ ރައްޔިތުންނަށް ޚިދުމަތް ދެމެހެއްޓުމަށް މިފަދަ މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމުގެ ސަބަބުން ފުލިދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ސްޓެލްކޯއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް، ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރަށު ތަރައްޤީއަށްޓަކައި ކަރަންޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަކީ އެ ކުންފުނީގެ މުހިންމު އެއް މަޤްސަދެވެ.
