އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން 50 މީހުން ގުރުއަތުން ހޮވައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ފަޤީރުންނަށް ޙައްޖުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދެވަނަ ބައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކީ، މި ދައުރު ތެރޭގައި ޖުމްލަ 1000 މީހުން ސަރުކާރު ޚަރަދުގައި ޙައްޖަށް ފޮނުވުމެވެ. މިގޮތުން، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިވަގުތު ފަރުޟު ޙައްޖު އަދާނުކުރާ މީހުން މެދުގައި ބޭއްވި ގުރުއަތުލުމަށްފަހު، މިފަހަރުވެސް 50 މީހަކު ހޮވާފައިވެއެވެ. މި 50 މީހުންނަށް ހައްޖަށް ނުދެވޭފަދަ އެއްވެސް ސަބަބެއް ދިމާވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ހައްޖަށް ދާނެ އިތުރު 25 މީހެއްގެ ނަންވެސް ގުރުއަތުން ނަގާފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ 376 މީހުން ތިބި ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެ ހުރިހާ އެންމެންވެސް ޙައްޖަށް ފޮނުވައި ނިމޭނެ ކަމަށް އެ ވުޒާރާއިން ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަޤީރުން ޙައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ. މިގޮތުން މިދިޔަ އަހަރު 50 މީހުންނާއި މިއަހަރު 50 މީހުން ޙައްޖަށް ފޮނުވުމުން، ޖުމްލަ 100 މީހުން ވަނީ ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވާފައެވެ. ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ، ޝަރުތު ހަމަވާ މީހުންނަށެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަނި ކަމަށްވާއިރު، ކޮންމެ އަހަރަކު ޙައްޖަށް މީހުން ގެންދަން ރާއްޖެއަށް 1000 މީހުންގެ ކޯޓާއެއް ލިބެއެވެ.

ފަޤީރުން ޙައްޖަށް ފޮނުވުމުގެ އިތުރުން، ސަރުކާރުން ވަނީ ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކޮށްފައިވެއެވެ. އަދި 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުޞަތު ދިނުންވެސް މި އުޞޫލުގައި ހިމެނެއެވެ.

މި އުޞޫލުގެ ދަށުން، ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންކަމަށް ކަނޑައަޅާފައިވެއެވެ.