ދިހަ އަހަރު ދުވަހު ފޮޓޯއާއި ވީޑިއޯ ރައްކާކުރުމަށް އަދަދެއް ނެތް ސްޓޯރޭޖް ދިނުމަށްފަހު، މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ސްނެޕްޗެޓުން އަންނަނީ އެ ކުންފުނީގެ "މެމޮރީޒް" ސްޓޯރޭޖް ފީޗާއަށް ބޮޑު ބަދަލެއް ގެންނަމުންނެވެ. މިހާރު، 5 ޖީބީގެ ކޮންޓެންޓް ހިލޭ ރައްކާކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައިވާއިރު، އެއަށްވުރެ އިތުރުކުރުމަށް، ބޭނުންކުރާ ފަރާތްތަކުން އެހެން ފައިލްތައް ފޮހެލާ ނުވަތަ އިތުރު ޖާގައަށް ފައިސާ ދައްކަން ޖެހިދާނެއެވެ.

ސްނެޕްޗެޓްގެ މި އާ ސްޓޯރޭޖް ނިޒާމަކީ ގޫގުލް ކްލައުޑް ނުވަތަ އެޕަލްގެ އައިކްލައުޑް ފަދަ ޚިދުމަތްތަކާ އެއްގޮތަށް މަސައްކަތްކުރާނެ ނިޒާމެކެވެ. 5 ޖީބީގެ ހައްދު ފުރިހަމަވުމުން، ބޭނުންކުރާ ފަރާތްތަކަށް 100 ޖީބީ، 256 ޖީބީ، ނުވަތަ 5 ޓީބީގެ ސްޓޯރޭޖް ފައިސާ ދައްކައިގެން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޒެން ޖެނެރޭޝަންގެ މެދުގައި ވަރަށް މަޝްހޫރު މި އެޕްގެ މި ބަދަލުތައް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ މަސްތަކުގައި ތައާރަފުކުރެވޭނެއެވެ.

ލަފާކުރެވޭ ގޮތުގައި 100 ޖީބީގެ ޕްލޭނަށް މަހަކު ގާތްގަނޑަކަށް 1.99 ޑޮލަރު (165 ރުފިޔާ) ހޭދަވާނެއެވެ. އަދި 256 ޖީބީގެ އޮޕްޝަނަށް 3.99 ޑޮލަރު (330 ރުފިޔާ) ހޭދަވާނެއެވެ. ގިނަ އަދަދެއްގެ ވީޑިއޯ ލައިބްރަރީތައް ހުންނަ ބޭނުންކުރާ ފަރާތްތަކަށް، 5 ޓީބީގެ ޕްލޭނަށް މަހަކު 15.99 ޑޮލަރު (1,400 ރުފިޔާ) ހޭދަވާނެއެވެ. ސްނެޕްޗެޓުން  އެކަން ސާފުކޮށްދީފައިވާ ގޮތުގައި، 5 ޖީބީއަށްވުރެ އިތުރުވާ ޑޭޓާ ވަގުތީ ގޮތެއްގައި 12 މަސް ދުވަހުގެ މުއްދަތަށް ރައްކާކުރެވޭނެއެވެ. އެ މުއްދަތަށްފަހު، ސްޓޯރޭޖް އިތުރު ނުކުރާނަމަ، އިތުރުވެފައިވާ ކޮންޓެންޓް ދާއިމީ ގޮތެއްގައި ފޮހެލެވިދާނެއެވެ.

ފައިސާ ދައްކައިގެން ޕްލޭންތައް ތައާރަފުކުރި ނަމަވެސް، ސްނެޕްޗެޓުން ވަނީ ފައިސާ ނުދައްކާވެސް މެމޮރީޒް ރައްކާކުރުމަށް ދެ ގޮތެއް ހުށަހަޅާފައެވެ. އެއް ގޮތަކީ 100 ފައިލް އެއްފަހަރާ ފޯނުގެ ކެމެރާ ރޯލަށް ޑައުންލޯޑްކުރުމެވެ. ދެވަނަ ގޮތަކީ އެޕްގެ "މައި ޑޭޓާ" ސެކްޝަން މެދުވެރިކޮށް، ހުރިހާ ސްނެޕްޗެޓް ޑޭޓާއެއް އީމެއިލް މެދުވެރިކޮށް ޑައުންލޯޑްކުރުމެވެ.

ކުންފުނިން ބުނާ ގޮތުގައި، މި ބަދަލަކީ ދުނިޔޭގައި ކޮންޓެންޓްގެ އަދަދު އިތުރުވަމުންދާ ވަރަކަށް، ޑޭޓާ ހިންގުން ހަރުދަނާކޮށް އަދި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތެއްގެ ބައެކެވެ. ސްނެޕްޗެޓުން މިހާރު ދަނީ ބޮޑެތި ސްޓޯރޭޖްތަކަށް ފައިސާ ނަގާ އެހެން ކްލައުޑް ބޭސްޑް ހިދުމަތްތަކާ އެއްގޮތަށް އަމަލުކުރަމުންނެވެ.

މި ބަދަލާއެކު، ސްނެޕްޗެޓަކީ ސަބްސްކްރިޕްޝަން އަށް ބިނާކޮށް ހިދުމަތްދޭ މޮޑެލްތަކަށް ބަދަލުވަމުންދާ ޓެކް ކުންފުނިތަކުގެ ތެރެއަށް އިތުރުވި ކުންފުންޏެކެވެ. އެޕް ބޭނުންކުރާ ބައެއް ފަރާތްތަކަށް މި ބަދަލު ހިތްހަމަނުޖެހޭ ކަމަކަށް ވެދާނެ ނަމަވެސް، އަނެއް ބަޔަކު ދެކޭ ގޮތުގައި، އެޕްގެ ކާރުގޭސީއާއި ޑޭޓާގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް މި ބަދަލުތަކަކީ މުހިންމު ކަމެކެވެ. އިންޑަސްޓްރީގެ މާހިރުން ލަފާކުރާ ގޮތުގައި، މިއީ ގިނަ އަހަރުތަކެއްގެ ފޮޓޯއާއި ވީޑިއޯ ރައްކާކުރުމަށް ސްނެޕްޗެޓަށް ބަރޯސާވެފައިވާ އެޕްގެ މެމްބަރުންގެ މެދުގައި މި ކުންފުންޏަށް އޮތް ތާއީދު ވަޒަންކުރުމުގެ ގޮތުން ކުރާ ކަމަކަށް ވެސް ވެދާނެއެވެ.