މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓްގެ ދިހަވަނަ ސްޓޫޑިއޯ އަލްބަމް، "ދި ލައިފް އޮފް އަ ޝޯގާލް" ޕްރޮމޯޓް ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ކެމްޕޭނަކާ ގުޅިގެން މިވަނީ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައެވެ. ގޫގުލްއާ ގުޅިގެން ހިންގި މި ކެމްޕޭނުގެ ވީޑިއޯތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ކަމަށް ފޭނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭނާގެ އައު އަލްބަމް ޕްރޮމޯޓް ކުރުމަށްޓަކައި ސްވިފްޓް ވަނީ ގޫގުލްއާ ގުޅިގެން ޑިޖިޓަލް ސްކެވަންޖަރ ހަންޓެއް ފަށާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނަށް މުނިފޫހިފިލުވައިދިނުމުގެ މަގްސަދުގައި ފެށި މި ކެމްޕޭނުގައި، ގޫގުލްގައި ޓޭލަރ ސްވިފްޓް ހޯދުމުން، ދުނިޔޭގެ 12 ސިޓީގައި ހުރި 12 ޑިޖިޓަލް ދޮރު ހުޅުވައިގެން ވީޑިއޯތަކެއް ބަލަން ދައުވަތު ލިބުނެވެ.
މި ކެމްޕޭނުގައި ފޭނުންނަށް ޖެހުނީ ދުނިޔޭގެ އެކި ތަންތަނުގައި ހުރި ކިއުއާރު ކޯޑުތަކެއް ސްކޭންކޮށްގެން، އަލްބަމާ ބެހޭ ކްލޫތައް ހިމެނޭ 12 ސިއްރު ވީޑިއޯއެއް ބަލާށެވެ. ޖުމްލަ 12 މިލިއަން ޑިޖިޓަލް ދޮރު ކްލިކްކުރުމަށްފަހު، "ދަ ފޭޓް އޮފް އޮފީލިއާ" ގެ ލިރިކް ވީޑިއޯ ޔޫޓިއުބްގައި ރިލީޒްކުރެވުނެވެ.
ނަމަވެސް، ކެމްޕޭނު ފެށުނުތާ މާގިނައިރުތަކެއް ނުވެ، މި ވީޑިއޯތައް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ކަމަށް ފޭނުން ތުހުމަތުކުރަން ފެށިއެވެ. ގިނަ "ސްވިފްޓީސް" (ޓޭލަރ ސްވިފްޓްގެ ފޭނުން) ފާހަގަކުރި ގޮތުގައި، ވީޑިއޯތަކުގައި ފެންނަ އަލިކަން ގުދުރަތީ ނޫން ކަމަށާއި، މަންޒަރުތައް ފެންނަނީ އާޓިފިޝަލް ގޮތަކަށް ކަމަށެވެ. އަދި ވީޑިއޯތަކުގައި ހަރަކާތްތައް ހުރީ ޙަޤީޤަތަށް ނޫންކަމަށް، އެއީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްފައިވާ ކަމުގެ ވަރުގަދަ ނިޝާންތަކެއް ކަމަށް ވެސް ފޭނުން ބުނެއެވެ.
ސްކެވަންޖަރ ހަންޓްގެ ކާޑުތައް ހައްލުކުރުމަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި، ފޭނުން ދަނީ އޭއައި ބޭނުންކޮށްފައިވާކަން ހޯދުމަށް ވީޑިއޯތައް ފްރޭމް ބައި ފްރޭމް ދިރާސާކުރަމުންނެވެ. ގޫގުލްގެ އިންސްޓަގްރާމްގައި ހިއްސާކުރި އެއް ޕްރޮމޯޝަނަލް ވީޑިއޯއިން ފެނުނު، ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް ޒޫމްކޮށް، ޖަވާހިރުތަކެއް ފަދަ މާހައުލަކަށް ވަދެ، ދެން ފެންނަ އޮރެންޖު ދޮރަކާއި ސާޗް ބާރަކީ ވެސް އޭއައި އުފެއްދި ވިޝުއަލްސް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
މިހާތަނަށް، ޓޭލަރ ސްވިފްޓް ނުވަތަ ގޫގުލްއިން ވެސް މި ޕްރޮމޯޝަނަލް މެޓީރިއަލްސްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްފައިވާކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މިކަމަށް އިންކާރުކޮށްފައެއް ވެސް ނުވެއެވެ. ވީޑިއޯތަކުގެ ސިނެމެޓިކް ކޮލިޓީއަށް ވަރަށް ބޮޑަށް ތަޢުރީފު ލިބިފައިވީނަމަވެސް، އެތަކެތި އުފެއްދުމުގައި އޭއައިގެ ދައުރާ ބެހޭ ގޮތުން ހިނގަމުންދާ ޚިޔާލުތަކަށް މިކަމުން ބާރުލިބިފައިވެއެވެ.