އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެވަޓަން އަތުން 5-0 އިން ހޯދީ ބޮޑު މޮޅާއެކު މެންޗެސްޓާ ސިޓީން ތަށި އުފުލާލިއިރު، އެ ޓީމުގެ އާޖެންޓީނާ ލެޖެންޑް ސާޖިއޯ އަގުއޭރޯ ވަނީ ލަނޑުޖެހުމުގެ ހާއްސަ ރެކޯޑެއް ގާއިމްކޮށްފައެވެ.
ރޭގެ މެޗުތަކަށްފަހު ސިޓީ އެއްވަނައިގައި އޮތީ 86 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 74 ޕޮއިންޓް ލިބިފައިވާއިރު އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ލިވަޕޫލެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރުކުރި ޗެލްސީ އަށް 67 ޕޮއިންޓާއެކު ހަތަރުވަނަ ލިބިފައިވާއިރު ލީގުގެ ފަހު މެޗާއި ހަމައަށް ގަދަ ހަތަރެއްގެ ޖާގައަށް ވާދަކުރި ލެސްޓާ ސިޓީ އޮތީ އޭގެ އެއް ޕޮއިންޓް ފަހަތުން ފަސްވަނައިގައެވެ.
ސިޓީން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 11 ވަނަ މިނެޓުގައި ދާދިފަހުން އަނިޔާއިން ކުޅުމަށް އެނބުރިއައި ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ވައްދާލި ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަރަކަށް މިނެޓުގެ ތެރޭގައި ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. އޭގެފަހުން، މެޗުގެ 71 އާއި 76 ވަނަ މިނެޓުގައި ސިޓީގެ ފަހު ދެލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަގުއޭރޯ އެވެ.
މި ދެ ގޯލާއެކު އުމުރުން 32 އަހަރުގެ އަގުއޭރޯ ވަނީ ލީގުގައި ސިޓީ އަށް 184 ލަނޑުޖަހައިދީފައެވެ. މިއާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކްލަބަކަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮންނަނީ މެންޗެސްޓާ ޔުނައިޓެޑަށް 183 ލަނޑުޖަހައިގެން ވޭން ރޫނީ އަތުގައެވެ.

މިއީ މިފަހަރުގެ ސީޒަނުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. މީގެކުރީން އެ ޓީމުން ވަނީ ލީގު ކަޕްގެ ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށްފަހު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު އެމިރޭޓްސް އެފްއޭކަޕްގެ ސެމީ ފައިނަލްގައި ޗެލްސީ އަތުން ބަލިވުމުން ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ދެކެމުންއައި ހުވަފެންތަކަށް ނިމުމެއް އައިނަމަވެސް މި މަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީ ބަލިކޮށް އެ މުބާރާތް ކާމިޔާބުކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް 2-0 އިން ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރަކުން ފުރުޞަތު ހޯދިއިރު ޓޮޓެންހަމް އަތުން 4-2 އިން ލެސްޓާ ބަލިވުމުގެ ފައިދާނަގައި ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.
ލިވަޕޫލުން ރޭގެ މެޗުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 36 ވަނަ މިނެޓުގައި މާނޭ ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުންނެވެ. ލިވަޕޫލްގެ ފަހު ލަނޑު، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް މާނޭ ކާމިޔާބުކުރީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ތަނަވަސްކުރި ފުރުޞަތަކުންނެވެ.
އެސްޓަން ވިލާ އަތުން 2-1 އިން ޗެލްސީ ބަލިވިއިރު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ވިލާ އަށް ލީޑްނަގައިދިނީ ކުރީން ޗެލްސީ އަށް ކުޅުނު ބާޓްރަން ޓްރައޯރޭ އެވެ.
އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ވިލާ އަށް ލިބުނު ޕެނަލްޓީއަކުން އަންވަރު އެލް ގާޒީ އެ ޓީމަށް ދެލަނޑުގެ ލީޑެއްނަގައިދީފައިވަނިކޮށް ޗެލްސީ އަށް ފަރަގު ކުޑަކޮށްދިނީ މެޗު ނިމެން 20 މިނެޓަށްވެފައިވަނިކޮށް އިނގިރޭސި ފުލްބެކް ބެން ޗިލްވެލް ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ ނިމެން މިނެޓަކަށްވެފައިވަނިކޮށް ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަށް ރެފްރީ ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދަުކޮށްނެވެ.

މިދިޔަ ސީޒަނުގައި ވެސް ފަހުކޮޅު މެޗުތަކުގެ ނަތީޖާތައް ނިކުތްގޮތުން ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުނު ލެސްޓާ އިން ރޭ ކުޅުނު މެޗުގައި ދެވަނަ ހާފުގެ ކުރީކޮޅު ވައްދާލި ލަނޑާއެކު 2-1 އިން ކުރީގައި އޮއްވާ މި މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައި ޓޮޓެންހަމުން ޖެހި ތިން ލަނޑާއެކު އެ ޓީމުގެ އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ.
ރޭގެ މެޗުގައި ލެސްޓާގެ ދެލަނޑުވެސް ޖެހީ ޖެމީ ވާޑީ އެވެ. ޓޮޓެންހަމްގެ ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު، ގަރެތު ބޭލް ޖަހައިދިންއިރު އަނެއް ލަނޑުޖަހައިދިނީ ހެރީ ކޭން އެވެ. އެ ޓީމުގެ އަނެއް ގޯލަކީ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އާސެނަލުން އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި 2-0 އިން ބްރައިޓަން އަތުން މޮޅުވިނަމަވެސް ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތެއް ނުލިބުނެވެ. މިއީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު އެ ޓީމަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ވުލްވްސްއާ ދެކޮޅަށް ރަށުން ބޭރުގައި ބަދަލުތަކާއެކު ނިކުމެ އޮލެގުނަ ސޯލްޝެއާގެ ޔުނައިޓެޑުން 2-1 އިން މޮޅުވިއިރު ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 3-0 އިން ސައުތެމްޓަން ބަލިކޮށް ޔޫރޮޕާ ލީގަށް ކޮލިފައިވެފައެވެ. ލީޑްސް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 3-1 އިން ވެސްޓް ބްރޮމް އަތުން ހޯދީ މޮޅާއެކު ގަދަ 10 ޓީމުގެ ތެރޭގައި ހިމެނުނުއިރު ނިއުކާސަލް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ފުލަމް އަތުން 2-0 އިން މޮޅުވެފައެވެ. ޝެފީލްޑް ޔުނައިޓެޑުން ވަނީ 1-0 އިން ބާންލީ ބަލިކޮށްފައެވެ.
