އިންޓަރނެޓްގައި ފެންނަ ޕޮޕްއަޕް އިސްތިހާރުތައް އުފެއްދި، އެތައް ބައެއްގެ ނުރުހުން ލިބިފައިވާ އީތަން ޒުކަރމަން (Ethan Zuckerman) އޭނާގެ މި އުފެއްދުމަށްޓަކައި އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުން ވަނީ މައާފަށްއެދިވައެވެ. 2014 ވަނަ އަހަރުގެ އޮގަސްޓް މަހު 'ދަ އެޓްލާންޓިކް' މަޖައްލާގައި ޝާއިއުކުރި ލިޔުމެއްގައި ޒުކަރމަން ވަނީ މިކަމާއިމެދު "ވަރަށް ސޮރީ" މިހެން ބުނެފައެވެ.

މި ޕޮޕްއަޕް އިސްތިހާރު އެންމެ ފުރަތަމަ ފެނިފައިވަނީ 1997 ވަނަ އަހަރު ޓްރައިޕޮޑް.ކޮމް (Tripod.com) ވެބްސައިޓުންނެވެ. އެއީ އޭރު އެ ވެބްސައިޓުގެ ސްޕޮންސަރެއްގެ ލޯގޯ އެމީހުންގެ ކޮންޓެންޓްގެ މަތިން ފެންނަ ގޮތަށް ގެނައުމަށް ޒުކަރމަން އުފެއްދި އެއްޗެކެވެ.

ޒުކަރމަން ދެކޭ ގޮތުގައި، އޮންލައިން ސައިޓުތަކާއި ހިދުމަތްތަކުން ފައިސާ ހޯދުމަށް އިސްތިހާރުގެ ބޭނުންކުރުން ހުއްޓާލައި، އެހެން ގޮތްތަކަކަށް ބަދަލުވާން ވަގުތު ޖެހިއްޖެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި "އިސްތިހާރަކީ ވެބްގެ އަސްލު ކުށް" ކަމަށެވެ. ފޭސްބުކުން އަދި އެހެން ސައިޓުތަކަށް ވަންނަ ވަނުން އަދި، ގޫގްލް އަށް  ކޮންމެ ކަމެއްވެސް އެނގޭ ހިސާބަށް ކަންކަން ގޮސްފައިވަނީ އިސްތިހާރުގެ ސަބަބުން ކަމަށް ޒުކަރމަން ބުނެއެވެ.

އިސްތިހާރުތަކުގެ ސަބަބުން ހިލޭ ހިދުމަތްތައް ލިބެން ހުރުމާއި، އިންވެސްޓަރުންނަށް ވިޔަފާރީގެ ރަނގަޅު ޕްލޭނެއް އޮތްކަން އެނގުމަކީ ތެދެއްކަމަށް ޒުކަރމަން ގަބޫލުކުރެއެވެ. ނަމަވެސް، އޭނާގެ ބަހުގައި، މިހާރު މި އިސްތިހާރުތަކުން ކުރާ ފައިދާ ނިމުމަކަށް އަންނަނީއެވެ.

ޒުކަރމަން ހުށަހަޅަނީ އޮންލައިންކޮށް ފައިސާ ފޮނުވުމާއި ލިބުމުގެ ކަންކަން ފަސޭހަވެފައިވާ މި ދުވަސްވަރު، މީހުންނަށް ދޭތެރެއަކުން ކޮންމެސް ވަރަކަށް ފައިސާ ދައްކައިގެން ހިދުމަތްތައް ބޭނުންކުރުން ފަސޭހަވާނެ ކަމަށެވެ. މިސާލަކަށް، ފޭސްބުކުން އިސްތިހާރު ނުފެންނަ ގޮތް ހެދުމަށް އަހަރަކަށް 5 ޑޮލަރު ދައްކައިގެން ނުވަތަ ޔޫޓިއުބުން އިސްތިހާރު ނުފެންނަ ގޮތް ހެދުމަށް ފައިސާ ދައްކައިގެން ހިދުމަތްތައް ބޭނުންކުރުމެވެ.

މީހުން ފައިސާ ދައްކަން ބޭނުން ނުވިނަމަވެސް، އެހެން ގޮތަކަށް އޮންނަނީ އަބަދުވެސް އޮންލައިން މޮނިޓަރިންގެ ތެރޭގައި ހުރުން ކަމަށްވާނަމަ، ފައިސާ ދައްކަން މީހުންނަށް ދަތިނުވާނެ ކަމަށް ޒުކަރމަން ލަފާކުރެއެވެ.